އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖަލު ހުކުމުން ރައީސް މައުމޫން މިނިވަން ވެއްޖެ

ޖަލު ހުކުމުން ރައީސް މައުމޫން މިނިވަން ވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި އަދުލު އިންސަފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާގެ ހުކުމް ހައިކޯޓުން މިއަދު ބާތިލުކޮށް، އެހުކުމުން ރައީސް މައުމޫން މިނިވަން ކޮށްފިއެވެ.

ރައީސް މައުމޫން ހައްޔަރު ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިއުލާނު ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމަހުގެ ފަސްވަނަ ދުވަހުއެވެ.

ފުލުހުންގެ ތަހުގީގަށް ފޯނު ނުދެއްވި މައްސަލައިގައި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ރައީސް މައުމޫންގެ މައްޗަށް އުފުލި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް އިއްވިއެވެ.

ނަމަވެސް އެހުކުމް އިސްތިއުނާފް ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުމަށްފަހު މިދިޔަ މަހުގެ ފަހުކޮޅު ރައީސް މައުމޫން ވަނީ (އެމައްސަލަ ވަކި ގޮތަކަށް ނިމެންދެން) ކަފާލާތުގެ ދަށުން މިނިވަން ކޮށްފައެވެ. ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރީ ޑިޕޮސިޓަށް 60،000 ރުފިޔާ ބެހެއްޓުމަށްފަހުއެވެ.

ރައީސް މައުމޫންގެ މައްޗަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް ޝަރީއަތް ނިންމަވާލެއްވުމަށްފަހު މިއަދު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން، އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ވަކީލު ހުސެއިން ޝަމީމް ވިދާޅުވީ ޖިނާއީ އިޖުރާއަތުގައި ވަކި ގޮތަކަށް ކުރަން ޖެހޭ ކަމެއް އެނޫން ގޮތަކަށް ކޮށްފައި އޮތްކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށް މިއަދުގެ ޝަރީރަތުގައި ގާޒީ ވިދާޅުވެފައިވާ ކަމަށެވެ. އަދި އެކަމުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް ވެސް އެއްބަސްވެ ވަޑައިގަންނަވާ ކަމަށާއި އެހެންކަމުން އެގޮތަކަށް ޖިނާއީ ޝަރީއަތެއް ނުހިންގޭއިރު އެގޮތަށް ހިންގާފައި އޮންނަ ޝަރީއަތެއް ވާނީ ބާތިލު ޝަރީއަތަކަށް ކަމަށެވެ.

"ވަކީލުންގެ ފުރުސަތަކަށް ރައީސް މައުމޫން އެދިވަޑައިގަތީމަ އެފުރުސަތު ނުދެއްވާ ނިންމަވާފަ އޮތްކަން ވެސް ފާހަގަ ކުރެއްވި. އެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވެސް އެއްބަސްވެ ވަޑައިގަންނަވާ. ރައީސް މައުމޫން ވަކީލަކަށް އެދިވަޑައިގެންނެވި ޝަރީއަތުގެ އަޑުއެހުން ނިންމަވާލެއްވީ ރޭގަނޑު 11:30 ގައި. އަނެއް ދުވަހު މެންދުރުފަހު ބެއްވި ޝަރީއަތަށް ވަކީލުން ނައިސްގެން ވަކީލެއްގެ ހައްގު ލިބިނުދީ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ" ޝަމީމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ