"ޔަހޫދީން ރޯދަހިފައި އުޅުނީ ހަމައެކަނި މުޙައްރަމް މަހުގެ 10 ވަނަ ދުވަހުއެވެ. މުސްލިމުންނަށް އޮތީ އެމީހުންނާއި ޚިލާފު (ތަފާތު) ވުމަށްޓަކައި އެއިގެ ކުރިން ދުވަހަކާއިއެކު ނުވަތަ ފަހުން ދުވަހަކާއިއެކު ރޯދަ ހިފުމެވެ.
މުޙައްރަމް މަހަކީ ގިނަގިނައިން ރޯދަ ހިފުން ސުންނަތްވެގެންވާ މައްސަރަކަށްވާތީ އިތުރު ދުވަހެއްގައި ރޯދަ ހިފުމަކީ ގެއްލުންވާނެ ކަމެއް ނޫނެވެ. (މާނައަކީ ފައިދާހުރި ކަމެކެވެ.)
މީގެ އިތުރުންވެސް އެންމެ ދުވަހަކު ވެސް ﷲ ގެ މަގުގައި ރޯދަ ހިފައިފިނަމަ 70 ޚަރީފް ނުވަތަ 79 އަހަރުގެ ރާސްތާއާ އެމީހެއްގެ މޫނު ނަރަކައާއި ދުރުކުރައްވަވާނެ ކަމަށް ޙަދީޘްގައި އޮވެއެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟްގެ މި ބަސްފުޅުން އެނގެނީ އާސޫރަ ދުވަހުގެ ރޯދަ ހިފުން އޮތީ ފަހަތަށް ނުވަތަ ކުރިއަށް 1 ދުވަސް އިތުރުކޮށްގެން ކަމެވެ. މާނައަކީ 9 ވަނަ ދުވަހާއި 10 ދުވަހު، ނުވަތަ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހު ރޯދަހިފުން ކަމެވެ. ނަމަވެސް އެމީހަކު ބޭނުންނަމަ އެ ދެ ދުވަހާއި ގުޅުވައިގެންވެސް އަދި ނުގުޅުވައިވެސް ސުންނަތް ރޯދަ ހިފިދާނެކަމާއި އެ ގޮތުން ހިފާ ކޮންމެ ރޯދައެއްގެ ސަބަބުން އެމީހާގެ މޫނު 70 އަހަރުގެ ރާސްތާއަށް ﷲ ތަޢާލާ ނަރަކައާއި ދުރުކޮށްދެއްވަވާނެ ކަމެވެ.