އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނުފޫޒު ބޭނުންކޮށްގެންވަޒީފާ ޙައްޤު މީހާ ކަޓުވާލާފަ ހޯދާ ވަޒީފާގަ ލިބޭ މުސާރަ ޙަލާލެއް ނުވާނެ! އެކެވެނީ ޙަރާމް ފައިސާ!

ނުފޫޒު ބޭނުންކޮށްގެންވަޒީފާ ޙައްޤު މީހާ ކަޓުވާލާފަ ހޯދާ ވަޒީފާގަ ލިބޭ މުސާރަ ޙަލާލެއް ނުވާނެ! އެކެވެނީ ޙަރާމް ފައިސާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

މާދަމާއަކީ ތިބާގެ ޙަޔާތަށް ވަރަށް ބޮޑު އިންޤިލާބެއް ގެނުވާނެ ދުވަހެކެވެ. އެންމެ އެދޭ ވަޒީފާ ލިބުމަށްޓަކައި އިންޓަރވިޔުއަށް ދާން އޮތް ދުވަހެވެ. އެކަން ތިބާއަށް އެނގުނީ މީގެ 3 ދުވަސް ކުރިންނެވެ.

އަޅެ ނިކަން ތެދުބަހުން ބުނެބަލާށެވެ! ވަޒީފާ ހަމަޖެހުން އެދި ކިތައް މީހުންނާއި ބައްދަލުކޮށްފިން ހެއްޔެވެ؟ ކިތައް މީހުންނަށް ފޯނުކޮށްފިން ހެއްޔެވެ؟ މައިންބަފައިން ކިތައް މީހުންނާއި ބައްދަލުކޮށްފި ހެއްޔެވެ؟ ކިތައް މީހުންނަށް ފޯނުކޮށްފި ހެއްޔެވެ؟ ކިހައި މަސައްކަތެއް މައިންބަފައިންނާއި ތިބާ ކޮށްފިން ހެއްޔެވެ؟

ދެން މިކުރަނީ އެންމެ ތެދުވެރިކަމާއިއެކު ޖަވާބުދޭންވީ ސުވާލެވެ! އެކަން ހިންމަވައި ދެއްވެވުން އެދި ކިތައް ފަހަރު ﷲ ތަޢާލާއަށް ދަންނަވައިފިން ހެއްޔެވެ؟

ރަނގަޅަށް ވިސްނާށެވެ! ވަޒީފާ ލިބުމަށް ނުފޫޒު ފޯރުވައި ދިނުން އެއްވެސް މީހެއްގެ ކިބައިން އެދުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ. އެކުރެވެނީ ކޮރަޕްޝަނުގެ ޢަމަލެކެވެ. މުސްލިމުންނަށް އޮތީ އިޚްލާޞްތެރިކަމާއިއެކު ކަންކަން ކުރުމެވެ. ޢަމަލުތައް އިޚްލާޞްތެރިކަމާއިއެކު ކުރަމުން ﷲ ތަޢާލާގެ ޙަޟްރަތުން ވާގި އެދުމެވެ.

ލިބޭ ވަޒީފާގައި ބަރަކާތް ލައްވަވާނީވެސް އެއިރުންނެވެ. މިހެން ބުނީމާ މިކަން ޤަބޫލުކުރަން އުނދަގޫވެދާނެއެވެ. ތިމާއަށް ޙައްޤު ނުވާ ވަޒީފާއެއް ނުފޫޒުން ހޯދައިފިނަމަ އެ ވަޒީފާއެއްގައި ލިބޭ މުސާރަ އެމީހަކަށް ޙަލާލެއް ނުވާނެއެވެ. ނުފޫޒުގެ ބޭނުން ކޮށްގެން އެވަނީ އެހެން މީޙެއްގެ ހައްޤަކަށް އަރައިގަނެވިފައިކަމަށްވާތީއެވެ. ވީމާ އެމީހެއްގެ ދިރިއުޅުމަށް ބޭނުން ކުރެވެމުން އެދަނީ ޙަލާލް ފައިސާއެއް ނޫނެވެ.

މިހެން ބުނުމުން ނުފޫޒު ފޯރުވަން ހިންގި ކޮރަޕްޝަނާއި ވަޒީފާއިން ލިބޭ މުސާރައަކީ ދެކަމެއް ކަމަށް ބުނެފާނެއެވެ. ނަމަވެސް އަހަރެން އެކަމަށް އެއްބަހެއް ނުވާނަމެވެ. ނުބައިކަމެއްގެ ތެރެއިން ރަނގަޅު ކަމެއް ނުއުފެއްދޭނެއެވެ. އެކަން ދެމިއޮންނާނީ ހަމަ ނުބައިކަމެއްގެ ގޮތުގައެވެ. މިއީ މިކަމުގައި އަހަރެން ދެކޭ ގޮތެވެ.

މިހެން ބުނުމުން ނުފޫޒާއި ނުލައި މިއަދު ރަނގަޅު ވަޒިފާއެއް ނުލިބޭނެ ކަމަށް ވެސް ބުނެފާނެއެވެ. ކޮރަޕްޝަން ޢާންމުވެފައި އޮތްވަރުންނެވެ. އަހަރެންގެ އިލްތިމާސަކީ ވަޒީފާއެއް ލިބުން ދަތިވެ ލަސްވި ނަމަވެސް ކެތްތެރިކަމާއިއެކު އިންތިޒާރުކުރުމެވެ. ﷲ ތަޢާލާއަށް ދުޢާކުރުންމަތީގައި ދެމިހުރުމެވެ. ޙަލާލް ނޫން އެއްވެސް ފައިސާއެއް ބޭނުން ނުކުރުމެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް