އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެރިންނަށް ޘަނާކިޔައިގެން ހޯދާ ފައިސާ ހުއްދަވާނެތޯ؟

ވެރިންނަށް ޘަނާކިޔައިގެން ހޯދާ ފައިސާ ހުއްދަވާނެތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 59 ސިކުންތު

"މިހާރަކަށް އައިސް ޕޯޑިއަމްތަކުގައާއި ލިޔުންތަކުގައާއި ސޯޝަލް މީޑިއާގައި ވެރިންނަށް ޘަނާކިޔައިގެން ފައިސާ ހޯދައިގެން ދިރިއުޅޭ މީހުން ވަރަށް ގިނަވެއްޖެއެވެ. ސޯޥަލް މީޑިއާއިން ވެސް އެފަދަ މީހުންގެ ވާހަކަތައް ވަރަށް ގިނައިން ފެނެއެވެ. އަޅުގަނޑުގެ ސުވާލަކީ އެގޮތަށް ވެރިންނަށް ޘަނާކިޔައިގެން ހޯދާ ފައިސާ ޙަލާލްވާނެތޯއެވެ؟"

ކިޔުންތެރިޔާގެ ކަންބޮޑވުމަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

ޢުމަރުގެފާނު އެންމެ ކޯފާ އިސްކުރެއްވީ ތަޢްރީފްގެ ބަސްތަކަށް!

މުސްލިމުންގެ ދެވަނަ ޚަލީފާ، ޢުމަރު (ރޢ) އެންމެ ބޮޑަށް ނަފުރަތު ކުރައްވައި ކޯފާ އިސްކުރެއްވެވި ކަންކަމުގެ ތެރޭގައި އެކަލޭގެފާށް ތަޢްރީފްގެ ބަސްތައް ރައްދުކުރުން ހިމެނެއެވެ. އެފަދަ ބަސްފުޅެއްގެ އަޑު އިވިވަޑައިގެންފިނަމަ އެމީހަކަށް ކޯފާ އިސްކުރައްވާ ކަމުގައި ވިއެވެ. އަދި ޚުޝާމަދުކޮށް ތައުރީފް ކުރުމަކީ މަގު އޮޅުވާލަން ކުރާ ކަމެއް ކަމަށާއި ހެޔޮ އެދޭނަމަ ކުށް ދައްކައި އިޞްލާޙްކުރަން މަސައްކަތްކޮށދިނުމަށް އެދިވަޑައިގެންނެވިއެވެ.

ޢުމަރުގެފާނަށް ތަޢްރީފް ކުރި މީހަކަށް ކޯފާ އިސްކުރައްވައި އެމީހާގެ ތުނބުޅީގައި ހިއްޕެވިކަމަށްވެސް ބައެއް ރިވާޔަތްތަކުގައި އެބަހުއްޓެވެ. އެއީ އެކަމުގެ ހުރި ނުބައިކަމުގެ ބޮޑުކަން ހާމަކޮށްދެއްވެވުމުގެ ގޮތުންނެވެ.

މީހަކު ރަނގަލުކަމެއް ކުރުމުން ތައްރީފްގެ ބަހެއް ބުނެލުމާއި ދިރިއުޅެން ކުރާ އެންމެ ބޮޑު މަސައްކަތްކަށް ތައްރީފްކުރުން ހެދުމަކީ މުޅިން ތަފާތުދެކަމެކެވެ. ތަޢްރީފް ކުރާނަމަ އުނި ސިފަވެސް ދައްކަންޖެހޭނެއެވެ. އަދި އުނިސިފަ ދައްކާނަމަ ތަޢްރީފްވެސް ކުރަން ޖެހޭނެއެވެ. މިއީ ގުޅިލާމެހިފައިވާ ދެކަމެކެވެ.

ރަނގަޅު ކަމެއް ކުރުމުން ތަޢްރީފްކުރަނީ އެފަދަ ކަންކަން ކުރަން ހިތްވަރު ދިނުމަށެވެ. ރަނގަޅު ނޫން ކަމެއް ކުރުމުން ނަޞޭޙަތެރިވާން ޖެހެނީ އެފަދަ ކަންކަން ކުރުން ހުއްޓުވުމަށެވެ. ވީމާ ތަޢްރީފް ކުރުމާއި ކުށް ދެއްކުން އޮންނަން ޖެހޭނީ ގުޅިލާމެހިފައެވެ. ޗޭނެއްގެ ދެ ބޮޅު ފަދައިންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ ވެރިކަމުގެ ދައުރުގައި އަމިއްލައަށް ސިޓީއެއް ލިޔަން އެނގޭ މީހުން މާގިނައެއް ނޫނެވެ. އެހެންކަމުން އެކިއެކި ކަންކަމުގައި ސިޓީ ލިޔުއްވަން މީސްމީހުންގެ ކައިރިއަށް ދެއެވެ. އަދި އަގުދީގެން ސިޓީ ލިޔުއްވައެވެ.

މިގޮތަށް ސިޓީ ލިޔެދޭ ބައެއް މީހުން ސިޓީ ފަށާނީވެސް ނާޞީރަށް ތަޢްރީފްގެ ބަސްތައް ދަންނަނަވަމުންނެވެ. ޕްރައިވެޓް ސެކެޓްރީ ސިޓީ ކަނޑައި އެފަދަ ސިޓީއެއްގެ ފުރަތަމަ ޢިބާރާތް ދަންނަވާއިރަށް ސިޓީގެ ޖަވާބު ދެއްވާ ކަމަށްވެއެވެ. "ތިއައީ މިވެނިމީހަކު ލިޔެދީފައޮތް ސިޓީއެއް ދޯ! ސިޓީ ބާއްވާ!" މީގެ އިތުރުން ތަޢްރީފްގެ ބަސްތަކުން ފަށާފައި ހުންނަ ސިޓީތަކުގެ އެބައި ނުދެންނެވުމަށާއި އެމީހަކު އެދިފައި އޮތް ކަންތައް ފާހަގަކޮށްގެން ދެންނެވުމަށް ވިދާޅުވާ ކަމަށްވެއެވެ.

މީހުން މީހުންނަށް ތަޢްރީފްކޮށް ސަނާ ކިޔާ ސަބަބުތައް ވަރަށް ގިނައެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ ސަބަބުތަކުގެ ތެރެއިންވެސް ފާހަގަކުރެވޭ ސަބަބަކީ އެމީހެއްގެ ކިބައިން ނާޖާއިޒު ފައިދާއެއް ޙާޞިލުކުރަން ބޭނުންވުމެވެ. ސިޔާސީ ބޮޑުންނަށް ޅެންފަރިހި ކިޔާނީ ސަރުކާރުގެ ތެރެއިން ކަންކަން ނާޖާއިޒުގޮތުގައި ޙާޞިލުކުރަން ބޭނުން ވުމުންނެވެ. އަންހެނަކަށް ޙައްޤު ނޫން ތަޢްރީފް ކުރާނީ އެކަނބަލެއްގެ ކިބައިން ކޮންމެވެސް ކަމެއް ނާޖާއިޒު ގޮތުގައި ބޭނުންވުމުންނެވެ.

ރާއްޖޭގެ މާޒީއަށް ބެލި ނަމަވެސް ވެރިންނަށް ޙައްޤު ނޫން ތައްރީފް ކުރާ މީހުން ބޭނުންވާ ކަންކަން އަބަދުވެސް އޮންނަނީ ޙާޞިލުކުރެވިފައެވެ. މީގެ އެތައް ސަތޭކަ އަހަރު ކުރިންސުރެ ދެމިގެން އަންނަ މި ނުބައި އާދަ މިއާދާއި ހަމައަށްވެސް އަންނަނީ ދެމިގެންނެވެ. ރީތިހައި ގޮތްގޮތަށް ޅެން ފަރިހި ހަދައި ބައިތު ކިޔައިދޭ މީހުންނަށާއި އެމީހުންގެ އަނބިދަރީންނަށާއި ދަރިފަސްކޮޅަށްވެސް މަތީ މަޤާމުތައް މިއަދުވެސް ދަނީ ލިބެމުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް