އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގިސާސް ހިފުމަށް ހުރަސްއެޅޭގޮތަށް އޮތް މާއްދާއެއް ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ގިސާސް ހިފުމަށް ހުރަސްއެޅޭގޮތަށް އޮތް މާއްދާއެއް ސުޕްރީމް ކޯޓުން ބާތިލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 7 ސިކުންތު

އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ގިސާސް ހިފުން (މަރަށް މަރު ހިފުން) އަށް ހުރަސްއެޅޭ ގޮތަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި އޮތް މާއްދާއެއް ސްޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ އަޣުލަބިއްޔަތުން އިއްވެވި ހުކުމްގައި ބާތިލްކުރަން ނިންމީ، ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަމްބަރެވެ. މި މާއްދާގައި ބުނާގޮތުން ދައުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެ މަތިން، ކުށެއް ސާބިތުކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް، އެ ކުށް ސާބިތުކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަކަށް ފުށުއެރުމެއްވާ ނަމަ، ގާނޫނުގައި ބަޔާންކުރާ މިންވަރަށް އެ ކުށެއް ސާބިތުވީ ކަމަކަށް ނުބެލެވޭނެއެވެ.

މި މާއްދާ ބާތިލުކުރަން ނިންމާފައިވަނީ، މީގެ 10 އަހަރު ކުރިން ވެސްޓްޕާކް ކައިރީގައި އަލީ ޝިފާން (ތޮޅި ޕެލޭ) މަރާލި މައްސަލާގައި ކުށް ސާބިތުވެފައިވާ މުހައްމަދު ޝައިފަން މެރުމަށް ހައި ކޯޓުން ކުރި ހުކުމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ. ހައިކޯޓުން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ވަނީ މި މައްސަލައިގައި ދަމަހައްޓާފައެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ މި މާއްދާގައި ބުނާ މިންވަރު ސާބިތު ކުރުމަކީ މުސްތަހިއްލު ކަމެއް ކަމަށާއި މި މާއްދާ ޑްރާފްޓް ކޮށްފައިވަނީ ހާސިލްކުރުން މުސްތަހިއްލު ޝަރުތެއް ކޯޓަށް މަތިކޮށް ގިސާސް ހިފުމަށް ހުރަސްއެޅޭ ގޮތަށް ކަމަށެވެ. އަދި ގިސާސް ހިފުމަކީ ސީދާ ކީރިތި ޤުރުއާން އިން ބަޔާންކުރެވިގެން އައިސްފައިވާ އުގޫބާތެއް ކަމާއި އިސްލާމީ ޝަރީއާގެ މި އަސްލާ ހިލާފުވާ ގޮތަކަށް ރާއްޖޭގައި ގާނޫނެއް ނުހެދޭނެ އަދި މާނަ ވެސް ނުކުރެވޭނެ ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ. އިސްލާމީ ޝަރީއަތާ ހިލާފުވާ ކޮންމެ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ވެސް ވާނީ ބާތިލް އެއްޗަކަށް ކަމަށް ހުސްނުއްސޫދު ވިދާޅުވިއެވެ.

މީގެއިތުރުން މަރުގެ އަދަބު ދޭން ޖެހޭ ހާލަތުގައި 1204 މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުން އިތުރު ޝަރުތުތަކެއް ކަނޑައަޅައި މަރުގެ އަދަބު ރާއްޖޭގައި އަމުދުން ނުދެވޭ މިންވަރަށް، އަމަލީ ގޮތުން ނުކުރެވޭނެ ކަމެއްގެ ގޮތަށް މާނަ ކުރެވޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެހެންވެ އެ މާއްދާ އުވާލަން ފަނޑިޔާރު ސުއޫދު ނެރުއްވި ރައުޔަށް ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ތާއިދު ކުރެއްވިއެވެ.

ވެސްޓްޕާކް ކައިރީގައި 2012 ވަނަ އަހަރުގެ އޭޕްރިލް މަހު، ތޫނު އެއްޗެހިން ހަމަލާދީ މއ. ފެއަރީކޯނާ އަލީ ޝިފާން މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ހަ މީހުންގެ ތެރެއިން ޝައިފަން މަރަން ހައި ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރުއެވެ.

އެ މައްސަލަ ޝައިފަންގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ޝިފާނަށް ހަމަލާދިން މީހުންގެ ތެރޭގައި ޝައިފަން ހިމެނޭ ކަމަށް ބައެއް ހެކިން ބުނާއިރު އެ ސަރަހައްދުގައި އޭނާ ހަރަކާތްތެރިވި ކަމަށް އެހެން ބައެއް ހެކިން ބުނާ ކަމަށެވެ. އަދި އެ މައްސަލާގައި ލިބުނު ޑީއެންއޭ އާއި ޝައިފަންގެ ޑީއެންއޭ ދިމާވާއިރު، ޑީއެންއޭއަކީ މިފަދަ މައްްސަލަތަކުގައި ބޭނުން ކުރެވިދާނެ ހަރުދަނާ ގަރީނާއެއް ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

މިއީ 2016 ވަނަ އަހަރު ފަހުން ސުޕްރީމް ކޯޓުން މަރުގެ ހުކުމެއް ދެމެހެއްޓި ފުރަތަމަ މައްސަލައެވެ. މި މައްސަލައިގެ ބެންޗުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދުއެވެ.

 

 

ހަބަރު: ވީނިއުސް

Advertisement

ކޮމެންޓް ކުރެއްވުމަށް