ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް އައްޑުއަށް ފޮނުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް އައްޑުއަށް ފޮނުވައިފި

އައްޑޫ ސިޓީގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް މިއަދު ހެނދުނު މާލެއިން އެ ސިޓީއަށް ފޮނުވައިފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާހު ވިދާޅުވި ގޮތުގައި މި ޖަނަރޭޓަރު މާދަމާ އައްޑޫ ސިޓީއަށް ލިބޭނެއެވެ. އަދި "މިހާރު އައްޑޫގައި އެ ޖަނަރޭޓަރު ބެހެއްޓުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ" ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ކަރަންޓު ކަނޑަންޖެހުނީ ދެ ޖަނަރޭޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް މިހާރު އެތަނުން އެއް ޖަނަރޭޓަރު ރަނގަޅުކޮށް ލޯޑް ޓެސްޓިންއަށް ތައްޔާރުވެފައިވާ ކަމަށް ނަޖާހު ވިދާޅުވިއެވެ. މީގެއިތުރުން، ކުރިން ފޮނުވި ދެ ޖަނަރޭޓަރުވެސް މިހާރު ވަނީ އިންސްޓޯލްކޮށް ޚިދުމަތް ދޭން ފަށާފައެވެ.

އައްޑޫ ސިޓީގައި ޕީކް ވަގުތުގައި ކަރަންޓުގެ ލޯޑު 11.6 މެގަވޮޓަށް އަރާއިރު، ރޯދަ މަހާ ގުޅިގެން ކަރަންޓު ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފައެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ފެނަކައިން މަޢުލޫމާތު ދެއެވެ.

މިއަދު އޮންލައިން