އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބެލުމުގައި ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުރިހައި އިޖުރާޢަތްތަކެއް ފުރިހަމަކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރު އަދި މަނަދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޙުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.
މި މައްސަލައިގައި އިޖުރާޢަތްތައް ފުރިހަމަނުކުރާ ކަމަށް އިދިކޮޅު މެންބަރުން ކުރައްވަމުންދާ ތުހުމަތުތަކަށް ރައްދު ދެއްވަމުން، "މި މައްސަލައިގައި ހުރިހާ އިޖުރާޢީ ކަންކަމެއް ވަނީ ފުރިހަމައަށް ނިންމާފައި" ކަމަށް ޙުސްނީ މުބާރިކް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި އަލްއުސްތާޛު މަޙާޒް ޢަލީ ޒާހިރުގެ މައްޗަށް ޝަރީޢަތަކަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުގައި ބެލި ސުލޫކީ މައްސަލައިގައި، އެ ދެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ޖޭއެސްސީން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
ޖުޑިޝަރީ ކޮމިޓީން މި މައްސަލަ ދިރާސާކުރެއްވުމަށްފަހު، އިޖުރާޢީ އެއްވެސް މައްސަލައެއް ނެތްކަމަށް ފާސްކޮށް، ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. ނަމަވެސް، ކޮމިޓީ ރިޕޯޓަށް ކުރިއަށްގެންދިޔަ ބަހުސްގައި ބައެއް އިދިކޮޅު މެންބަރުން ވަނީ މައްސަލަ ބެލުމުގައި އިޖުރާޢީ ކަންކަން ފުރިހަމަނުވާ ކަމަށް ތުހުމަތުކުރައްވާފައެވެ.
މި މައްސަލައިގައި ޖޭއެސްސީން ގެންގުޅުއްވި އިޖުރާޢަތްތަކަކީ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދެވުނު ކަންކަން ކަމަށް ޖުޑިޝަރީ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު ވަނީ ކަށަވަރުކުރައްވާފައެވެ.
Advertisement
14 މެއި 2025