އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު
ނައިބު ރައީސް ފައިޞަލް ނަސީމް، އިމާދުއްދީން ސްކޫލަށް މިއަދު ޒިޔާރަތް ކުރައްވައި އެ ސްކޫލްގައި ހިންގާ ސެން ކްލާސްތައް ބައްލަވައިލައްވައި އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި ތަނުގެ ޙާލަތު ބައްލަވައިލައްވައިފިއެވެ.
ނައިބު ރައީސް ފައިޞަލް ނަސީމް އިމާދުއްދީން ސްކޫލަށް ކުރެއްވި މި ޒަޔާރަތުގައި އެ ސްކޫލްގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ ކްލާސްތައް ކުރިޔަށްގެންދާގޮތް ބައްލަވައިލައްވައި އެ ސްކޫލްގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއި ސްކޫލްގެ މެނޭޖްމަންޓާވެސް ވަނީ ބައްދަލުކުރައްވާފައެވެ.
ނައިބު ރައީސްގެ މިޒަޔާރަތުގައި ސްކޫލްގެ މެނޭޖްމަންޓުން ވަނީ ސެން ކްލާސްތައް ކުރިޔަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު އެމަނިކުފާނާއި ޙިއްޞާ ކުރައްވައިފައެވެ. މިގޮތުން، އެބޭފުޅުން ވަނީ މިވަގުތު ސެން ކްލާސްތައް ހިންގަމުންދަނީ ޖެހިގެން ހުންނަ ވަކި އިމާރާތެއްގައިކަން ފާހަގަކުރައްވައި، ސްކޫލާއި ސެން ކްލާސްތައް ހިންގާ ސްކޫލްގެ އެނެކްސް އިމާރާތާއި ދެމެދުގައިވާ މަގު، މަގެއްގެގޮތުގައި ބޭނުން ނުކުރާ ގޮތަށް ހައްދަވައިދެއްވަން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި، މިކަމުގެ ސަބަބުން އެ ސްކޫލްގައި ކިޔަވަމުންދާ ސެން ކްލާސްގެ ދަރިވަރުންނަށް ލިބިގެންދާނެ ފަސޭހަތައް ސްކޫލްގެ ފަރާތުން ވަނީ ނައިބު ރައީސްއާއި ޙިއްޞާ ކުރައްވައިފައެވެ.
މި ބައްދަލުކޮށްލެއްވުމުގައި ނައިބު ރައީސް ވަނީ ތަޢުލީމީ ދާއިރާއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙު، އެންމެ އިސްކަންދެއްވާ އެއް ދާއިރާކަން ފާހަގަކުރައްވައި، އެ ސްކޫލްގެ މެނޭޖްމަންޓުން ފާހަގަކުރެއްވި ކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި މުޅި ސަރުކާރުގެ މައިގަނޑު އަމާޒަކީ ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތައް ޙައްލުކޮށް، އެ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާކުރެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
Advertisement
27 ޖޫން 2019