އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހއ. ކެލާ މަދަރުސާ އުފެދުނު ތާރީޚް އަދި ގުޅުންހުރި މުހިންމު ބައެއް މަޢުލޫމާތު!

ހއ. ކެލާ މަދަރުސާ އުފެދުނު ތާރީޚް އަދި ގުޅުންހުރި މުހިންމު ބައެއް މަޢުލޫމާތު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 13 މިނެޓް, 55 ސިކުންތު

އުފަން ދުވަސް ފާހަގަ ކުރުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ވަރަށް ފޯރިޔާއިއެކު ކުރަމުން އަންނަކަމެކެވެ. މީސްމީހުންގެ އުފަންދުވަހެވެ. ތަންތަނުގެ އަހަރީ ދުވަހެވެ. މިކަމުގައި އެކަކަށްވުރެ އަނެކަކު ކުރިހޯދޭތޯ ބަލައެވެ. އެއްބަޔަކަށްވުރެ އަނެއްބަޔަކު ކުލަގަކުރެވޭތޯ ބަލައެވެ. އެއްފަހަރަށްވުރެ އަނެއްފަހަރު ތަފާތު ކުރެވޭތޯ ބަލައެވެ. އެއްބަޔަކު ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ހޮޓާތަކުގައި އުފަންދުވަސް ފާހަގަކުރިއްޔާ އަނެއްބަޔަކު އުފަންދުވަސް ފާހަގަ ކުރަނީ ކަނޑު އަޑީގައެވެ. ނޫނީ ފަޒާގައެވެ. ނޫނީ ދެންވެސް ދެވެންއޮތް އެހެން މޮޅުތަނެއްގައެވެ. އެހެނަސް މިހާރުވެސް އުފަންދުވަސް ފާހަގަ ނުކުރާ ތަންތަނާއި މީސްމީހުންވެސް އުޅެއެވެ. އެއްބަޔަކު ބޭނުން ނުވާތީއެވެ. އަނެއްބަޔަކު ތަނަވަސްކަން ނެތިގެންނެވެ. އަނެއްބަޔަކު ހިތްހަމަ ނުޖެހޭތީއެވެ. އަނެއްބަޔަކަށް އުފަންދުވަސް ކަށަވަރު ނުވާތީއެވެ. މިފަދަ އެއްތަނަކީ ކެލާ މަދަރުސާއެވެ.

 

މަދަރުސާގެ އަހަރީ ދުވަސް ފާހަގަނުކުރަނީ ކީއްވެބާ؟ 

އާނއެކެވެ. ހއ. ކެލާ މަދަރުސަތުލްޝައިޚު އިބުރާހީމަގެ އަހަރީ ދުވަސް އަދި މިހާތަނަށް ދުވަހަކު ވެސް ފާހަގަ ކުރެވިފައެއް ނުވެއެވެ. މަދަރުސާގެ ވެރިންނާއި، ރަށުގެ ވެރިންނާއި، އެހާރާއި މިހާރުގެ ދަރިވަރުންނާއި، ބެލެނިވެރިންވެސް ބޭނުންނުވާތީއެވެ. ސަބަބެއް ނެތިއެއްނޫނެވެ. ދިވެހި ދައުލަތުން މިނިސްޓުރީ އޮފް އެޑިޔުކޭޝަނުން ގަބޫލުކުރާ މަދަރުސާގެ އަހަރީ ދުވަހާމެދު ހިތްހަމަ ނުޖެހޭތީއެވެ. މަދަރުސާ އުފެދުނުކަމަށް މިނިސްޓުރީ އޮފް އެޑިޔުކޭޝަނުގައި ރެކޯޑުކުރެވިފައިވާ ތާރީޚު މަދަރުސާ އުފެދުނު ތާރީޚަށްވުރެ އެތައްގުނައެއް ހަގުވެފައި ވާތީއެވެ. އެއްދުވަހެއް ދެދުވަހެއް ނޫނެވެ. އެއްމަހެއް ދެމަހެއްނޫނެވެ. އެއްއަހަރެއް ދެއަހަރެއް ވެސް ނުމެނޫނމެއެވެ. 24 އަހަރެވެ. މިފަދަ ބޮޑު ތަފާތަކަށް ކަނޑައެޅިގެން އެނގޭ ޙަޤީޤަތްތަކެއް ވާއިރު ރުހެވޭނީ ކާކަށް ކޮންބަޔަކަށް ތޯއެވެ؟ ސުވާލަކީ މިފަދަ ބޮޑުތަފާތެއް އޮންނަން ޖެހުނީ ކީއްވެގެންތޯ ކުރެވޭ ސުވާލެވެ. ދިގު ވާހަކައެވެ. ބޮޑު މައްސަލައެކެވެ. އެހެނަސް މައްސަލަ ސާފުވެ ޙަޤީޤަތް އެނގޭނީ ކަމުގެ ތެރެއަށްވަދެ ކަންވީގޮތް ހޯދާ ބަލާ ދިރާސާ ކުރުމުންކަން އެންމެންވެސް ދަނެއެވެ. އެއާއެކު އެކަމަށްޓަކައި ތަފާތު ދުވަސްތަކުގައި ތަފާތު ގޮތްގޮތަށް ތަފާތު މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަ ކުރަން ޖެހެއެވެ.

 

މަދަރުސާގެ އަހަރީ ދުވަހާއިމެދު ޚިޔާލު ތަފާތުވުން 

1993 ވަނަ އަހަރު އޭރު ކެލާމަދަރުސާގެ ހެޑުމާސްޓަރ ހއ. ކެލާ އިސްތާނާ އަޙުމަދު ފައިޞަލް މަދަރުސާގެ އަހަރީދުވަސް މިނިސްޓުރީ އޮފް އެޑިޔުކޭޝަނުގައި ރަޖިސްޓުރީ ކުރެވިފައިވާގޮތަށް 16 ޖަނަވަރީ 1969 ކަމަށް ބައްލަވާ 25 އަހަރު ފުރުނު މުނާސަބަތު  ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ހުއްދައަކަށް އޭރުގެ ކެލާ މަދަރުސާގެ މަސްއޫލުވެރިޔާ ހއ. ކެލާ އޮފީހުގައި އެދިލެއްވިއެވެ. މިކަމާގުޅިގެން އޭރުގެ ކެލާ ކަތީބު ހއ. ކެލާ ވިނަ ޢަބުދުﷲ ވަޙީދު  އޭރުގެ ރައްކުރިއަރުވާ (ރ.ކ) ކޮމިޓީއަށް ހުށަހެޅުއްވިކަމަށް އޭރު ރ.ކ ކޮމިޓީ ވަގުތީ ގޮތުން ހިންގެވުމާއި ޙަވާލުވެ ހުންނެވި ކޮމިޓީގެ ސެކެއްޓަރީ ޢަބުދުލް ޢަޒީޒު އާދަމް (1993) ހާމަކުރައްވައެވެ. ޢަބުދުލް ޢަޒީޒު އާދަމް (1993) އިތުރަށް ހާމަކުރައްވާ ގޮތުގައި ކޮމެޓީގެ މެންބަރުންނަށް މިކަން ހުށަހެޅުމުން މަދަރުސާއަށް 25 އަހަރަށްވުރެ މާ ގިނަދުވަސް ވާނެކަމަށް ފެންނާތީ ކެލާ މަދަރުސާ އެންމެފުރަތަމަ ހުޅުވުނުއިރު މުދައްރިސަކަށް އަދި ފަހުން މަސްއޫލުވެރިޔަކަށް ހުންނެވި ހއ. ކެލާ ކޯއްޓޭގޭ ޤާސިމް މޫސާމަނިކު (ކާސިންކަތީބު) ރައްކުރިއަރުވާ ކޮމެޓީގެ އެހެން ޖަލްސާއަކަށް ދައުވަތު އަރުވައިގެން ގެނެސް މަދަރުސާގެ ޙަޤީޤީ އަހަރީ ދުވަހާ ބެހޭ މަޢުލޫމާތު ހޯދުމަށް ނިންމުނެވެ. 

 

މަދަރުސާގެ އަހަރީ ދުވަހާއި ގުޅޭ މަޢުލޫމާތު ހޯދުން 

13 އޯގަސްޓު 1993 ވީހުކުރު ދުވަހު 2:00 ގައި ހއ. ކެލާ އޮފީހުގައި ބޭއްވުނު ރައްކުރިއަރުވާ ކޮމިޓީގެ ޖަލްސާއަށް ކެލާމަދަރުސާގެ ފުރަތަމަ މުދައްރިސް އަދި މަސްއޫލުވެރިޔާ ފަހުން ކެލާ ކަތީބުކަމާއި، ބޮޑުކަތީބުކަންވެސް ކުރެއްވި ހއ. ކެލާ ކޯއްޓޭގޭ ޤާސިމް މޫސާމަނިކު ގެންނަވައިގެން މަދަރުސާއާއިބެހޭ މަޢުލޫމާތު ހޯއްދެވިކަމަށް ރ.ކ ކޮމިޓީގެ އެދައުރުގެ ރައީސް މުޙައްމަދު ޖަމީލު (1993) ހާމަކުރައްވައެވެ. ޤާސިމް މޫސާމަނިކު (1993) ހާމަކުރައްވާ ގޮތުގައި ދިވެހި ސަރުކާރުން އެންގެވި އެނގެވުމަކާ ގުޅިގެން ކެލާ މަދަރުސާ ހުޅުވީ ހއ. ކެލާ އުތުރު އަވަށު އަވަށުގޭ ޢިމާރާތުގައި ހިޖުރައިން 1364 ވަނައަހަރު ޞަފަރުމަހު 6 ވަނަދުވަހުއެވެ. މަދަރުސާ ހުޅުއްވުމަށްފަހު މަދަރުސާގެ ފުރަތަމަ މުދައްރިސަކަށް ހަމަޖެއްސެވީ ޤާސިމް މޫސާމަނިކެވެ. ޤާސިމް މޫސާމަނިކު (1993) އިތުރަށް ހާމަކުރެއްވި ގޮތުގައި އޭގެ ދެމަސް ފަހުން ޤާސިމް މޫސާމަނިކަށް ކުޑަކަތީބުކަން ލިބުމާ ގުޅިގެން މަދަރުއާއަށް އިތުރު ދެމުދައްރިސުން ލައްވައިގެން މަދަރުސާގެ ކަންތައް ކުރިޔަށް ގެންދެވުނެވެ. އެކަން ޙަވާލުކުރެއްވީވެސް ޤާސިމްމޫސާ މަނިކާއެވެ. އޭރުންފެށިގެން ކަތީބުކަމުން ވަކިވެވަޑައި ގަންނަވަންދެން ވެސް މަދަރުސާގެ މަސްއޫލުވެރިޔެއްގެ ގޮތުގައި ޤާސިމް މޫސާމަނިކު ހުންނެވިއެވެ. 

ދިވެހި ދައުލަތުން ޤާސިމް މޫސާމަނިކަށް ކުޑަކަތީބުކަން ދެއްވީ މީލާދީން 1943 ވަނައަހަރުގައި ކަމުގައި ޤާސިމް މޫސާމަނިކު (1993) ހާމަކުރައްވައެވެ. ކުރިންވެސް ދެންނެވިފައިވާނެ ފަދައިން ކުޑަކަތީބުކަން ލިބުނުއިރު އޭނާ ހުންނެވީ މަދަރުސާގެ މުދައްރިސަކަށެވެ. ކުޑަ ކަތީބުކަން ލިބުނީ މަދަރުސާހުޅުވި މަދަރުސާގައި މަސައްކަތްކުރާތާ ދެމަސް ފަހުންނެވެ. ޤާސިމް މޫސާމަނިކު (1993) ލިޔުންތެރިޔާގާތު ވިދާޅުވިގޮތުގައި މަދަރުސާ ހުޅުވި ކަމަށް ވިދާޅުވި ހިޖުރީ ތާރީޚު ރައްކާކުރެވިފައި ވަނީ ޤާސިމް މޫސާމަނިކު އަމިއްލަ ޚާއްޞަ މަޢުލޫމާތު ރައްކާކުރައްވަން ގެންގުޅުއްވާ ފޮތެއްގައެވެ. ޤާސިމް މޫސާމަނިކު ރ.ކ ކޮމިޓީއަށް މަޢުލޫމާތުދެއްވި ބައްދަލުވުމަށް ރ.ކ ކޮމިޓީގެ މެންބަރެއްގެ ޙައިސިއްޔަތުން ލިޔުންތެރިޔާ ޙާޟިރުވެ އިނީމެވެ. 

 

މަދަރުސާގެ އަހަރީ ދުވަހާއި ގުޅޭ މަޢުލޫމާތު މިނިސްޓުރީ އޮފް އެޑިޔުކޭޝަނަށް ހުށަހެޅުން 

އިސްވެ ދެންނެވުނު ރައްކުރިއަރުވާ ކޮމިޓީގެ ބައްދަލުވުމުގައި ޤާސިމް މޫސާމަނިކު ދެއްވި މަޢުލޫމާތުގެ މައްޗަށް ރިއާޔަތްކޮށް ހއ. ކެލާ މަދަރުސާއަކީ 1943 ވަނައަހަރުން ފެށިގެން ހިނގަމުން އަންނަ މަދަރުސާއެއްކަމާ އެދުވަހުން ފެށިގެން މެދު ނުކެނޑި ކެލާ މަދަރުސާ ހިނގާތާ 50 އަހަރު ފުރިފައިވާކަން ބަޔާން ކުރައްވައި މިނިސްޓުރީ އޮފް އެޑިޔުކޭޝަނުން އެތާރީޚު ގަބޫލުކޮށްދެއްވުމަށް އެދި ކެލާ އޮފީހުގެ ނަމްބަރު 8A/22/93/132 ސިޓީން މިނިސްޓުރީ އޮފް އެޑިޔުކޭޝަނުގައި ދަންނަވާފައި ވާނޭކަމުގައި އޭރު ކެލާކަތީބު ޢަބުދުﷲ ވަޙީދު ވިނަ (1993) ހާމަކުރެއްވިއެވެ. ޢަބުދުﷲ ވަޙީދު (1993) އިތުރަށް ހާމަކުރެއްވި ގޮތުގައި ދެންނެވުނު ސިޓީ މިނިސްޓުރީ އޮފް އެޑިޔުކޭޝަނަށް ހުށަހަޅާފައި ވާނީ މަދަރުސާގެ ބައެއް މުދައްރިސުންނާއި، މުސްކުޅި ދަރިވަރުން ދިން މަޢުލޫމާތުތަކާއި، އެބޭފުޅުންގެ ބަޔާން ތަކާއިވެސް އެކުގައެވެ. އެހެނަސް މިކަމާ ގުޅޭ ގޮތުން މިނިސްޓުރީ އޮފް އެޑިޔުކޭޝަނުން އެއްވެސް ޚަބަރެއް ނުވުމުން މިނިސްޓުރީ އޮފް އެޑިޔުކޭޝަނަށް ގުޅާ އެވާހަކަ ދެއްކެވުމުމުން އެމިނިސްޓުރީން ވިދާޅުވިކަމަށް ޢަބުދުﷲ ވަޙީދު (1993) ވިދާޅުވީ ކެލާ އޮފީހުން ފޮނުވި ސިޓީގައިވާ ތާރީޚު ތަކުގައި މައްސަލައެއް އުޅޭތީ ހުށަހެޅި ހުށަހެޅުން ބަލައިގަނެވެން ނެތްކަމުގައެވެ. 

 

މަދަރުސާގެ އަހަރީ ދުވަހާއި ގުޅޭ މަޢުލޫމާތު އިތުރަށް ބަލާ ދިރާސާކުރުން  

ހއ. ކެލާ އޮފީހާއި ރައްކުރިއަރުވާ ކޮމިޓީން މަދަރުސާގެ އަހަރީ ދުވަސް ހޯދާ ސާބިތު ކޮށްދިނުމަށް ކުރި ބުރަ މަސައްކަތްތަކެއް ތާކުންތާކުނުޖެހި ދިއުމުގެ ސަބަބުން އެ މަސައްކަތް އެހާހިސާބުން ހުއްޓިގެން ދިޔައެވެ. ކަންމިހެން ވެފައިވަނިކޮށް ލިޔުންތރިޔާ ޤާސިމް މޫސާމަނިކު ވިދާޅުވި ހިޖުރީތާރީޚު ދިރާސާކޮށް ބެލިބެލުމުން މިނިސްޓުރީ އޮފް އެޑިޔުކޭޝަނުން އެވިދާޅުވީ ތެދެއްކަން ހާމަވިއެވެ. ސަބަބަކީ ގާސިމް  މޫސާމަނިކު  ދެއްވި  މަޢުލޫމާތު ރައްކުރިއަރުވާ ކޮމިޓީގެ ފަރާތުން ރަށުއޮފީހަށް ފޮނުވަން ލިޔެފައިވާ އެކޮމިޓީގެ ނަމްބަރ:/A8/93/8 ރކ Aސިޓީލިޔެފައިވާ ހިޖުރީ ތާރީޚު (14 ޞަފަރު 1414) އިން 6 ޞަފަރު 1364 ވީ ހިޖުރީ ތާރީޚު، ކަނޑާއިރު ވަނީ 50 އަހަރެވެ. އެހެނަސް ކޮންމެ މީލާދީ އަހަރަކާއި، ހިޖުރީ އަހަރެއްގެ ތަފާތު އަހަރަކު 11 ދުވަސް އުޅޭއިރު ހިޖުރީ އަހަރުގައި 11 ދުވަސް މަދުވަނީއެވެ. ވީމާ ހިޖުރީ ގޮތުން 50 އަހަރު ފުރުނު ކަމުގައި ވިޔަސް މީލާދީ ގޮތުން ބަލާއިރު 50 އަހަރެއް ނުފުރޭނެއެވެ. އެއީ (11x50=550) އެގާރަ ފަންސާހާއި ގުނަކުރީމާ ވަނީ ފައްސަތޭކަ ފަންސާސް ދުވަސް ކަމަށްވާ އިރު 550 ދުވަހަކީ 18 މަހަށް ވުމުން 18 މަސް (އެއް އަހަރާއި ހަމަސް) މަދުވާތީއެވެ. ކަންމިހެން ހުރުމުން 6 ޞަފަރު 1364 މީލާދީ ތާރީޚަށް ބަދަލު ކުރިއިރު އެތާރީޚު ދިމާވަނީ 21 ޖަނަވަރީ 1945 ށެވެ. އެހެންކަމުން ޤާސިމް މޫސާމަނިކު (1993) ކެލާ މަދަރުސާއަކީ 1943 ވަނައަހަރުން ފެށިގެން ހިނގަމުން އަންނަ މަދަރުސާއެއް ކަމުގައި އެވިދާޅުވި ވިދާޅުވުމުގައި ފުށުއެރުމެއް ވަނީކަމަށް ޤަބޫލުކުރެވެއެވެ. މިގޮތަށް ދިމާވި ސަބަބަކީ ކެލާ އޮފީހުގައި ހުޅުޖަހާ ލިޔެކިޔުންތައް އަންދާލި އަންދާލުމުގައި މަދަރުސާގެ ލިޔެކިޔުމެކޭ އެއްގޮތަށް އޮފީހުގެ ރަސްމީ ލިޔެކިޔުންތައްވެސް އަނދައިގެން ދިޔަ ދިޔުމުގައި ޤާސިމް މޫސާމަނިކަށް ކުޑަކަތީބުކަން ލިބުނުކަމަށް އެންގެވި ރަސްމީލިޔުންވެސް އަނދައިގެން ގޮސްފައިވާތީ މަދަރުސާހުޅުވިތާ ދެމަސްދުވަހުގެ ތެރޭގައި ކުޑަކަތީބުކަން ލިބުނީމައެވެ. އަމިއްލަ ނޯޓުގެ މައްޗަށް ބުރަވެ މަދަރުސާއަކީ 1943 ވަނައަހަރުން ފެށިގެން ހިނގަމުން އަންނަ މަދަރުސާއެއްކަމަށް ޤާސިމް މޫސާމަނިކު (1993) އެވިދާޅުވީ ހިޖުރީ ގޮތުން ފަންސާސް އަހަރުވެފައިވާތީ މީލާދީ ގޮތުންވެސް ފަންސާސް އަހަރު ވާނެކަމަށް ޤާސިމް މޫސާމަނިކު ދެކެލައްވާތީ ކަމަށް ގަބޫލުކުރެވެއެވެ.  

މަތީގައި ބަޔާންކުރެވުނު ހިޖުރީ ތާރީޚު މީލާދީ ތާރީޚަށް ބަދަލުކުރުމުން އައި ތާރީޚު އެގޮތަށް ދެއްކުމުން އެކަން އިތުރަށް ޔަޤީންކޮށް ކަށަވަރު ކުރުމަށްޓަކައި ހިސާބު ޢިލްމުގެ ރޮނގުން ފުންނާބު އުސް ބޭފުޅެއް ކަމަށްވާ މަޝްހޫރު ހިސާބު ޢިލްމު ވެރިޔާ މުޙައްމަދު ޔޫސުފު މާޔާ ލައްވާ ދެންނެވުނު ހިޖުރީ ތާރީޚު މީލާދީ ތާރީޚަށް ބަދަލުކުރުވީމެވެ. އުފަލާއި އެކު ފާހަގަ ކުރަން ޖެހެނީ މުޙައްމަދު ޔޫސުފު މާޔާ (2012) އެއްބަސްވެ ވަޑައިގަންނަވަނީ ވެސް ލިޔުންތެރިޔާ ވެސް އެއްބަސްވާ ހިޖުރީން 6 ޞަފަރު 1364 ދިމާވާ މީލާދީ ތާރީޚަކީ 21 ޖަނަވަރީ 1945 ކަމުގައެވެ. މިކަން މިގޮތަށް ކުރީ މިތާރީޚު އިތުރަށް ކަށަވަރު ކުރުމަށާއި، މިދިރާސާ އިތުރަށް ބާރުގަދަ ކުރުމުގެ ގޮތުންނެވެ.

 

މިނިސްޓުރީ އޮފް އެޑިޔުކޭޝަނުގައި މިމަދަރުސާ އުފެދުނު ތާރީޚު ތަފާތުވަނީކީއްވެ؟ 

މިހާ ހިސާބުން އުފެދޭ ބޮޑު ސުވާލަކީ މިނިސްޓުރީ އޮފް އެޑިޔުކޭޝަނުގައި މިމަދަރުސާ އުފެދުނު ތާރީޚުކަމަށް ރެކޯޑު ކުރެވިފައިވާ ތާރީޚު އެގޮތަށް ރެކޯޑު ކުރެވުނު ގޮތަކާއި މެދު އުފެދޭ ސުވާލެވެ. އެހެން ދިމާވާން ޖެހުނު ސަބަބެއްކަމުގައި މިމަދަރުސާގެ ނާޒިރުކަމުގައި އޭރު  ހުންނެވި ހއ. ކެލާ ޓޫސަންސް މުޙައްމަދު ރަޝީދު ޅަސީދީ (2012) ވިދާޅުވަނީ އެތާރީޚަކީ ދިވެހި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ރައީސް އަލްފާޟިލް އިބުރާހީމް ނާޞިރުގެ ވެރިކަމުގައި އަތޮޅުތެރޭގައި ތަޢުލީމު ދެމުންދާ އަމިއްލަ މަދަރުސާ މަކުތަބުތައް ރަޖިސްޓުރީ ކުރުމަށް ކުރެއްވި އަމުރުފުޅަކާ ގުޅިގެން މިނިސްޓުރީ އޮފް އެޑިޔުކޭޝަނުގައި ކެލާ މަދަރުސާ އަމިއްލަ މަދަރުސާއެއްގެ ގޮތުގައި ރަޖިސްޓުރީ ކުރި ތާރީޚު ކަމުގައެވެ. މިކަން އިތުރަށް ސާބިތުވަނީ މިނިސްޓުރީ އޮފް އެޑިޔުކޭޝަނުގެ ނަމްބަރ: 22-E/2000/26 އިޢުލާނާ ގުޅިގެން މަދަރުސަތުލް ޝައިޚުއިބުރާހީމް ސަރުކާރު ސުކޫލަކަށް ބަދަލުކުރުމަށް ފަހު އެ މިނިސްޓްރީން ހައްދަވާފައިވާ ރަޖިސްޓުރީ ނަމްބަރ: 22-A/82/80/60 ކުންނެވެ. އެހެނީ އެރަޖިސްޓުރީގައި ވެސް ވަނީ މަދަރުސާ ފެށި ސާބިތު ތާރީޚާ މަދަރުސާ ރަޖިސްޓުރީ ކުރި ތާރީޚާ އެއްތާރީޚެއްގެ ގޮތުގައެވެ. އެއީ 16 ޖަނަވަރީ 1969 ކެވެ. ކަށަވަރުވެ އެނގޭކަމަކީ އެޒަމާނުގެ ދަތުރު ފަތުރާއި، މުވާޞަލާތުގެ ގޮތުން އަޅުގަނޑުމެން ނުހަނު ފަހަތުގައި އުޅުނު އިރު އެފަދަ ޒަމާނެއްގައި މަދަރުސާ ހުޅުވާ ދުވަހު ހަމަ އެތާރީޚުގައި މަދަރުސާ ރަޖިސްޓުރީ ނުކުރެވޭނެކަމެވެ. ވީމާ މިހުރިހާ ކަމަކަށް ރިއާޔަތް ކުރާއިރު މުޙައްމަދު ރަޝީދު (ހއ. ކެލާ ޓޫސަންސް) އެވީދާޅުވާ ވިދާޅުވުން ތެދުކަމުގައި ގަބޫލުކުރަން އެބަޖެހެއެވެ. އެއީ 16 ޖަނަވަރީ 1969 ކީ މި މަދަރުސާ އަމިއްލަ މަދަރުސާއެއްގެ ގޮތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި ރަޖިސްޓްރީ ކުރެވުނު ތާރީޚު ކަމާއި މަދަރުސާގެ އަހަރީ ދުވަހަކީ ހިޖުރީން 6 ޞަފަރު 1364 މީލާދީން 21 ޖަނަވަރީ 1945 ކަމެވެ. މުޙައްމަދު ރަޝީދަކީ ގިނަދުވަސްތަކެއް ވަންދެން މިމަދަރުސާގެ ނާޒިރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން މަދަރުސާ މަދަރުސާއަކަށް ހައްދަވައިދެއްވި ބާނީވެސްމެއެވެ.

 

ނިންމުން 

ކުރެވުނު ދިރާސާގެ އަލީގައި ދަންނަވަން ޖެހެނީ ކެލާ މަދަރުސާ އުފެދުނު ތާރީޚު ހޯދުމަށްޓަކައި އޭރުގެ ހއ. ކެލާ އޮފީހާއި، ރައްކުރިއަރުވާ ކޮމިޓީ ގުޅިގެން ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމުގައެވެ. އެހެނަސް އެކުރެވުނު މަސައްކަތްތަކުގެ އެދެވޭ ނަތީޖާ އެންމެ ފުރިހަމަ ގޮތުގައި އޭރު ލިބިގެން ނުދިޔައީ ކެލާ އޮފީހުގެ ހުރިހާ ލިޔެކިޔުމެއް އަނދައިގެން ގޮސްފައި ވުމުން ޤާސިމް މޫސ މަނިކަށް ކުޑަކަތީބުކަން ލިބުނު ފުރިހަމަ މީލާދީ ތާރީޚު ގެއްލިފައިވާތީއެވެ. އަދި ޤާސިމް މޫސާމަނިކަށް  ކުޑަކަތީބުކަން ލިބުނީ މަދަރުސާ ހުޅުވުނުތާ ދެވަނަ މަހުގައި ކަމަށްވާތީ ޤާސިމް މޫސާމަނިކު މަދަރުސާއާ ގުޅޭގޮތުން ކޮށްފައިވާ ނޯޓަށް ބަލާއިރު ހިޖުރީ ގޮތުން ފަންސާސް އަހަރުވުން ދިމާވަނީ މީލާދީން 1993 ވަނަ އަހަރަށް ވުމުން، ހިޖުރީ ތާރީޚުގެ މައްޗަށް ބައްލަވާ ކޮންމެ ހިޖުރީ އަހަރަކަށް މީލާދީ އަހަރެއް ގުނައިގެން 1993 ވަނައަހަރަށް ފަންސާސް އަހަރުވާނީ 1943 ގައި މަދަރުސާ ހުޅުވީމަކަމަށް ޤާސިމް މޫސާމަނިކަށް  ގަބޫލުކުރެވުމުންނެވެ. އެހެނަސް އެއޮޅުން ރަނގަޅުކުރެވި މަދަރުސާގެ އަހަރީ ދުވަސް ކަށަވަރު މިކުރެވުނީ  އޭރު ރ.ކ ކޮމިޓީން ހޯދާފައިވާ މައުލޫމާތުތައް އަސްލެއްގެ ގޮތުގައި ބަލައިގެން އިތުރަށް ކުރެވުނު މަސައްކަތުންނެވެ. އެގޮތުން މިހާރު މިވަނީ  ކެލާ މަދަރުސާގެ ޙަޤީޤީ އަހަރީ ދުވަސް ކަށަވަރުވެ ސާފުވެފައެވެ. 

މިދިރާސާގެ އަލީގައި ދަންނަވަން ޖެހެނީ މިނިސްޓުރީ އޮފް އެޑިޔުކޭޝަނުގައި ކެލާ މަދަރުސާ އުފެދުނު ދުވަސްކަމުގައި ރެކޯޑު ކުރެވިފައިވާ ދުވަހަކީ އެމިނިސްޓުރީގައި  މަދަރުސާ ރަޖިސްޓުރީ ކުރެވުނު ދުވަހެވެ. ދިރާސާއިން ސާބިތުވި ފަދައިން އެހެން އެކަން ދިމާވެފައި އެވަނީ އިބުރާހީމް ނާސިރުގެ ވެރިކަމުގައި އަމިއްލަ މަދަރުސާ މަކުތަބުތައް ރަޖިސްޓުރީ ކުރެއްވުމަށް ކުރެއްވި އަމުރު ފުޅާ ގުޅިގެން މަދަރުސާ މަކުތަބުތައް ރަޖިސްޓުރީ ކުރިކުރުމުގައި ކެލާ މަދަރުސާވެސް ރަޖިސްޓުރީ ކުރެވުނީމައެވެ. މިކަން އިތުރަށް ކަށަވަރުވެ ސާބިތުވަނީ އެޒަމާނުގައި ދަތުރު ފަތުރާއި މުވާޞަލާތީ ގުޅުންތައް ހުންނަގޮތުން އަތޮޅުތެރޭގައި އެފަދަތަންތަން ހުޅުވާ ދުވަހު ހަމަ އެތާރީޚުގައި ރަޖިސްޓުރީ ކުރެވިފައެއް ނެތެވެ. އެހެންކަމުން ދިރާސާގެ ހެކިތަކަށް ބުރަވާއިރު ހއ. ކެލާ މަދަރުސާ އުފެދިފައިވަނީ ހިޖުރީން 6 ޞަފަރު 1364 މީލާދީން 21 ޖަނަވަރީ 1945 ގައިކަން ސާބިތުވެއެވެ. 

ޝަކީލާ ޙާމިދު ބިޖިލީގެ ހއ. ކެލާ 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު