ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ކ. ގުރައިދޫއާއި ޅ. ހިންނަވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގިނަ ގެތަކަށް ފެންވަދެ، ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.
ގުރައިދޫއަށް ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަދެފައިވާއިރު، ފެން ހިންދުމަށް އެ ރަށު ކައުންސިލުން ބޭނުންކުރާ ދެ ޕަންޕު ވެސް ހަލާކުވެފައިވުމުން މަސައްކަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ނަމަވެސް، އެންމެ ފަހުން ލިބުނު މަޢުލޫމާތަށް ބަލާއިރު އެ ރަށަށް މިހާރު ވަނީ ވާރޭވެހުން ހުއްޓާލާފައެވެ.
ހިންނަވަރުގައި ވެސް މުޅި ރަށުތެރޭގައި ފެންބޮޑުވެ، ގެތަކަށް ފެން ވަންނަމުންދާތީ ރައްޔިތުންނަށް ވަނީ ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހިފައެވެ. ފެން ވަންނަ ގެތަކަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން މިހާރު ދަނީ ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.
ހިންނަވަރު ކައުންސިލްގެ އިސްނެގުމުގެ މަތިން ޕަންޕެއް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އެ ރަށުގައި މަސައްކަތްކުރާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ފެން ހިންދާ ޕަންޕުތައް ވެސް ވަނީ ހަލާކުވެފައެވެ. އެހެންކަމުން ޙާލަތު ކޮންޓްރޯލް ކުރުމަށްޓަކައި މިހާރު ވަނީ އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިފައެވެ.
އެންޑީއެމްއޭއިން ވިދާޅުވީ، ފެންބޮޑުވުމުގެ ސަބަބުން ގެއްލުންވަމުންދާ މި ދެ ރަށުގެ ޙާލަތު އެ އޮތޯރިޓީން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.