މާލެއިން ތިލަފުށި ކާގޯ ޓާމިނަލަށް ކޮންޓެއިނަރު ގެންދިއުމަށް އެމްޕީއެލްއިން ފީ ނަގަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
މާލެއިން ތިލަފުށި ކާގޯ ޓާމިނަލަށް ކޮންޓެއިނަރު ގެންދިއުމަށް އެމްޕީއެލްއިން ފީ ނަގަން ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ތިލަފުށި ކާގޯ ޓާމިނަލަށް ކޮންޓެއިނަރު އުފުލުމުގެ ޚިދުމަތަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޚާއްސަ ފީތަކެއް ކަނޑައަޅައި، ނޮވެމްބަރު 15 އިން ފެށިގެން އެ ފީތައް ނަގަން ފަށައިފިއެވެ. މިއީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

އެމްޕީއެލްއިން އާންމުކޮށްފައިވާ އުސޫލުގެ ދަށުން، ކޮންޓެއިނަރުގެ ސައިޒަށް ބަލައި އަގުތައް ވަނީ ދެ ބަޔަކަށް ބަހާލާފައެވެ. އެގޮތުން 20 ފޫޓުގެ ކޮންޓެއިނަރަކަށް 1،500 ރުފިޔާ ކަނޑައަޅާފައިވާއިރު، 40 ފޫޓުގެ ކޮންޓެއިނަރަކަށް ނެގުމަށް ހަމަޖެހިފައިވަނީ 3،000 ރުފިޔާ އެވެ.

ރާއްޖޭގެ އިޤުތިޞާދު އިތުރު ހަރުފަތަކަށް ގެންދިއުމަށް ހުރި ހުރަސްތައް ނައްތާލުމުގެ ބޭނުމުގައި، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ބާރު ސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ. ރާއްޖެއަކީ ބޭރުން މުދާ އެތެރެކުރުމަށް ބަރޯސާވެފައިވާ ޤައުމަކަށް ވެފައި، ގިނަ ބާވަތްތައް މާލޭ ބަނދަރުން އެތެރެކުރަމުންދާތީ، މިއީ މެދުކެނޑުމެއްނެތި 24 ގަޑިއިރު ހިންގަންޖެހޭ ރާއްޖޭގެ އެންމެ ބޮޑު އިޤުތިޞާދީ އޮޕަރޭޝަނެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރުގެ ޚިދުމަތްތައް ފިޔަވަހިތަކަކަށް ބަހާލައިގެން ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މުދަލާއެކު ކޮންޓެއިނަރު ދޫކުރުމުގެ ޚިދުމަތް ތިލަފުށި ޕޯޓުގައި މިހާރު ވަނީ ފަށާފައެވެ. މި ބަދަލާއެކު ވިޔަފާރިތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބި، ބަނދަރުގެ އޮޕަރޭޝަންތައް ކުރިއަށްވުރެ ހަލުވިވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

މިއަދު އޮންލައިން