ބޮޑު ތަފާތަކުން އަބަދު މޮޅުވާނެކަމަށް އުއްމީދު ކޮށްގެން ނުވާނެ – އެންރިކޭ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ބޮޑު ތަފާތަކުން އަބަދު މޮޅުވާނެކަމަށް އުއްމީދު ކޮށްގެން ނުވާނެ – އެންރިކޭ

ބާސެލޯނާ އަބަދު ބޮޑު ތަފާތަކުން މޮޅުވާނެކަމަށް ސަޕޯޓަރުން އުއްމީދު ކޮށްގެން ނުވާނެކަމަށް އެކްލަބުގެ ކޯޗް ލުއިސް އެންރިކޭ ބުނެފިއެވެ.


އެންރިކޭ މިހެން ބުނެފައި މިވަނީ ސްޕެނިޝް ލަލީގާގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ގްރޭނަޑާ އަތުން 1-0 އިން ބާސާ މޮޅުވި މެޗަށްފަހުއެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފިންހާއެވެ.


"ބާސެލޯނާ އަބަދު ދެތިން ހަތަރު ލަނޑުގެ ތަފާތުން މޮޅުވާނެކަމަށް ސަޕޯޓަރުން އުއްމީދު ކޮށްގެންނުވާނެ. އަހަރެން ހިތްހަމަ ޖެހޭ ހަނިގޮތަކަށް މޮޅިވިޔަސް. އަބަދު ބޮޑު ތަފާތަކުން މޮޅެއް ނުވާނެ" ބާސާއެކު ހުރިހާ ތައްޓެއް ކާމިޔާބު ކޮށްފައިވާ ކޯޗް އެންރިކޭ ބުންޏެވެ.


އެންރިކޭ އިތުރަށް ބުނީ ބާސާ އޮތީ ރަގަޅު ޓްރެކެއްގައި ކަމަށާއި ލީގަށާއި ޗެމްޕިއަންސް ލީގުގައި މިސީޒަނުގައި ރަގަޅު ކާމިޔާބެއް ހޯދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.


"ލީގުގެ ކުރީގައި އޮތް ޓީމާމެދު ފަރަގު ބޮޑުވިޔަ ނުދީ ހިފެހެއްޓުމަކީ ހިތްހަމަ ޖެހުމެއް. ޗެމްޕިއަންސް ލީގުގައިވެސް އަހަރެމެން އޮތީ ރަގަޅު މަގާމެއްގައި" ހިތްހަމަ ޖެހިފައި ހުރެ އެންރިކޭ ބުންޏެވެ.


ބާސާ ލީގުގެ ދެވަނައިގައި އޮތީ 22 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި ރެއާލް މެޑްރިޑް އޮތީ 24 ޕޮއިންޓާއެކުއެވެ.

މިއަދު އޮންލައިން