ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ފްރާންސްގެ މޮނާކޯ އަދި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުން ސިޓީ މޮޅުވެއްޖެއެވެ.
ރޭގެ މެޗުން މޮނާކޯގެ މައްޗަށް ސިޓީން ކުރިހޯދީ ފަހަތުން އަރައި 3-5 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ، ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ސިޓީންނެވެ. ސާނޭ ދިން ހިއްގައިމު ޕާހަކުން މި ގޯލު މެޗުގެ 26 ވަނަ މިނެޓްގައި ސިޓީއަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ.
އެހެން ނަމަވެސް މެޗުގެ 32 ވަނަ މިނެޓްގައި މޮނާކޯގެ ކެޕްޓަން އަދި އެޓީމުގެ ފޯވާޑް ރަޑަމެލް ފަލްކާއޯ ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ މޮނާކޯއަށް އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 40 ވަނަ މިނެޓްގައި މޮނާކޯގެ ޒުވާން ފޯވާޑް ބައްޕޭ ވަނީ ގޯލެއް ޖަހާ ފުރަތަމަ ފަހަރަށް މެޗުގެ ލީޑު މޮނާކޯއަށް ނަގައިދީފައެވެ.
މި ދެ ގޯލަށްފަހު ވެސް ފުރަތަމަ ހާފް ނިމުމުގެކުރިން މޮނާކޯއިން ވަނީ، ސިޓީގެ ގޯލަށް ނުރައްކާ ކޮށްފައެވެ.
ފުރަތަމަ ހާފް މޮނާކޯ ލީޑުގައި އޮވެ ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ލީޑު ފުޅާކޮށްލަން މޮނާކޯއަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިގެން ގޮސްފައެވެ. ނަމަވެސް ފަލްކާއޯ ފޮނުވާލި އެ ޕެނަލްޓީ ސިޓީގެ ގޯލްކީޕަރު ކަބަލޭރޯ ވަނީ ދިފާއުކޮށްފައެވެ.
ލީޑު ފުޅާކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން މޮނާކޯއިން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 58 ވަނަ މިނެޓްގައި، ސާޖިއޯ އަގުއެރޯ ގޯލެއް ޖަހާ ސިޓީއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނުމެވެ. އެހެންނަމަވެސް އޭގެ އެންމެ ތިން މިނެޓްފަހުން މޮނާކޯއިން ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑުނަގާފައެވެ.
ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް ކައިރިން ނައްޓާލުމަށްފަހު މި ގޯލު މޮނާކޯއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ފަލްކާއޯއެވެ.
މޮނާކޯގެ ކުރި ވަރުގަދަވި ނަމަވެސް އެޓީމުގެ ޑިފެންސްލައިނުން ރޭގެ މެޗުގައި ގިނަ ގޯސްތަކެއް ހެދިއިރު އޭގެ ފައިދާނަގާ ސިޓީއަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 71 ވަނަ މިނެޓްގައި ސިޓީއަށް މެޗުގެ ދެވަނަ ގޯލްވެސް ކާމިޔާބުކޮށްދިން ސާޖިއޯ އަގުއެރޯއެވެ.
އަދި މެޗުގެ 77 ވަނަ މިނެޓްގައި ސިޓީގެ ހަތަރުވަނަ ގޯލު ސްޓޯންސް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަސްވަނަ ގޯލު، އަގުއެރޯ ދިން ޕާހަކުން މެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލީރޯއި ސާނޭއެވެ.
މި މޮޅާއެކީ މުބާރާތުގެ ކުއާޓާ އާއި ގާތަށް ސިޓީން ޖެހިލާފައިވާއިރު މޮނާކޯއަށް ކުއާޓާއަށް ދެވޭނީ ދެވަނަ ލެގުގެ މެޗުގައި ސިޓީ ކޮޅަށް އެންމެ މަދުވެގެން ވެސް ދެ ގޯލު ކާމިޔާބުކޮށްގެންނެވެ.
ރޭގެ މެޗުގައި މޮނާކޯއިން ދެއްކި ކުޅުމަށް ބަލާއިރު އެޓީމުގެ އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗަށް ސިޓީއަށް ހާސްކަމާ ކުރިމަތި ލާންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
މި ދެ ޓީމު މޮނާކޯގެ ދަނޑުގައި ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ރެއެވެ.