ޖަރުމަނު ލީގުގައި ރޭ ހެމްބާގް އާއި ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ބަޔާން މިއުނިކް ކާމިޔާބުކޮށްފިއެވެ.
ރޭ ކުޅުނު މި މެޗުގައި ހެންބާގު ގެ މައްޗަށް ބަޔާންއިން ކުރި ހޯދީ 0-8 ގެ ނަތީޖާއިންނެވެ.
ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ގޯލް ޖަހާ ލީޑުނަގާފައިވަނީ މެޗުގެ 17 ވަނަ މިނެޓުގައި އަޓޫރޯ ވިޑާލް ޖަހައިދިން ގޯލުންނެވެ.
ބަޔާންގެ ދެވަނަ ގޯލް ޖަހާ މެޗުގެ ލީޑު ފުޅާކޮށްދިނީ 24 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލެވެންޑޯސްކީ އެވެ.
ބަޔާންގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީ ލީޑު އިތުރަށް ފުޅާކޮށްދިނީވެސް މެޗުގެ 42 ދެވަނަ މިނެޓުގައި ލެވެންޑޯސްކީ ކާމިޔާބުކޮށްދިން ގޯލަކުންނެވެ.
ތިން ގޯލްގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ބަޔާންއިން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ބަޔާންގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ، ލެވެންޑޯސްކީ ވަނީ އޭނާގެ ހެޓްރިކް މި މެޗުގައި ފުރިހަމަކޮށްފައެވެ. މި ތިން ގޯލާއެކީ ލެވެންޑޯސްކީ، ލީގުގައި ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ، 19 އަށް އަރާފައެވެ.
ބަޔާންއިން ދެން ކާމިޔާބުކުރި ހަތަރު ގޯލުގެ ތެރެއިން، ދެ ގޯލު ކިންގްސްލީ ކޯމަން ކާމިޔާބުކޮށްދިންއިރު އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ، ރޮބެން އާއި އަލަބާއެވެ.
ރޭގެ މޮޅާއެކީ ބަޔާން ލީގުގެ އެއްވަނައިގައި، މިހާރު އޮތީ 53 ޕޮއިންޓާއެކީގައެވެ. ދެވަނައިގައި 48 ޕޮއިންޓާއެކީ، ރެޑްބުލް ލީޕްޒިގް އޮތްއިރު، ތިންވަނައިގައި 40 ޕޮއިންޓާއެކީ އޮތީ ބްރޫޝިއާ ޑޯޓްމަންޑެވެ.
ބޮޑު މޮޅެއް ބަޔާންއިން ރޭ ހޯދިއިރު، ރޭގެ މެޗަކީ ބަޔާންގެ ކޯޗު ކާލޯ އެންޗެލޯޓީ، އޭނާގެ ކޯޗިން ކެރިއަރުގައި، ކޯޗުކޮށްދިން 1000 ވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ.
ލީގުގައި ބަޔާން ދެން ބައްދަލުކުރާނީ އެފްސީ ކޮލޯންއާއެވެ.