ބާސާގެ ކޯޗުކަމުން ވަކިވާން އެންރީކޭ ނިންމައިފި

ކިޔުމަށް ހޭދަވާނީ 1މ 53ސ
ބާސާގެ ކޯޗުކަމުން ވަކިވާން އެންރީކޭ ނިންމައިފި
މި ފަހަރުގެ ފުޓްބޯޅަ ސީޒަނަށްފަހު ބާސެލޯނާގެ ކޯޗުކަމުން އެޓީމުގެ މިހާރުގެ ކޯޗު ލުއިސް އެންރީކޭ ވަކިވާން ނިންމައިފިއެވެ.
ލުއިސް އެންރީކޭ މިކަން ރަސްމީކޮށް އިއުލާންކުރީ ސްޕެނިޝް ލީގުގައި ރޭ ސްޕޯޓިންގ ގިޙޯންއާއި ބާސެލޯނާ ބައްދަލުކުރި މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރޭ ގެ މެޗުން ގިހޯންގެ މައްޗަށް ބާސާއިން ކުރިހޯދާފައިވަނީ 1-6 ގެ ނަތީޖާއަކުންނެވެ.

ރޭގެ މި މެޗަށް ފަހު ނޫންވެރިންނާއި ވާހަކަދައްކަމުން އެންރީކޭ ބުނީ އަންނަ ސީޒަނުގައި ބާސެލޯނާގެ ކޯޗުކަމުގައި އޭނާ ނުހުންނާނެ ކަމަށާއި މިއީ އޭނާ ބާސާގައި ހޭދަކުރާ އެންމެ ފަހުގެ ސީޒަންކަމަށެވެ.
އެންރީކޭ ބުނީ، ބާސާގެ ކޯޗުކަމުން ވަކިވާން ނިންމި މައިގަނޑު ސަބަބަކީ، އަރާމު ކުރަން ވަގުތު ހޯދުމުގެ ބޭނުމުގައި ކަމަށާއި އަދި މި ނިންމުމަކީ، އޭނާއަށް ނިންމަން އުނދަގޫ ނިންމުމެއް ކަމަށެވެ.

އެންރީކޭ ބުނީ ޓީމަކާއި ހަވާލުވެ ހުންނަނަމަ އެޓީމަކަށް ކުރިއެރުންތަކެއްވެސް ހޯދަ ދިނުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށާއި އެގޮތުން އޭނާވެސް މަސައްކަތް ކުރަމުން ގެންދަނީ އެގޮތަށްކަމަށެވެ. އެހެން ކަމުން ހުރިހާ ވަގުތެއްވެސް ހޭދަކުރަން ޖެހެނީ ޓީމާއި އެކުގައި ކަމަށާއި އެހެންކަމުން އަރާމުކޮށް ހިންހަމަ ޖައްސާލަން ވަގުތެއް ނުލިބޭކަމަށޭވެ.

އެހެންކަމުން އެގޮތަށް ވިސްނުން ބަދަލުކުރީ ކަމަށްވެސް އޭނާ ބުންޏެވެ.

"އަހަރެން ގިނަވަގުތު ހޭދަކުރަން ޖެހިފައިވަނީ ޓީމާއެކު، އަދި ޓީމަށް އިތުރު ކުރިއެރުންތަށް ހޯދައި ދިނުމަށް، ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހޭ. އޭގެ ސަބަބުން އަރާމުކުރަން މާގިނަ ވަގުތެއް އަހަންނަކަށް ނުލިބޭ. އެހެންވީމަ އަހަރެން މިގޮތަށް މި ވިސްނީ." އެންރީކޭ ބުންޏެވެ.

2014 ވަނަ އަހަރު ބާސާގެ ކޯޗުކަމާއި އެންރީކޭ ހަވާލުވިއިރު އެންރީކޭ ވަނީ، ބާސާގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި، އެޓީމަށް ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕްގެ އިތުރުން، ޗެމްޕިއަންސް ލީގެއް އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

އަދި ޖެހިގެން އައި ސީޒަނުގައި، އެންރީކޭ ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް، ސްޕެނިޝް ލީގު އަދި ސްޕެނިޝް ކަޕް، ބާސާއަށް ހޯދާދީފައެވެ.

މީޑިއާ ރިޕޯޓުތަށް ބުނާގޮތުން އެންރީކޭއަށްފަހު ބާސާގެ ކޯޗުކަމާއި ދެން ހަވާލުވާނީ ސެވިއްޔާގެ ކޯޗުކަމުގެ މަގާމުގައި މިވަގުތު ހުރި، ޖޯޖް ސަމްޕައޯލީއެވެ

މިއަދު އޮންލައިން