ރޮނާލްޑޯ ފަހުވަގުތު ރެއާލްމެޑްރިޑުސަލާމަތްކޮށްދީފި.

ކިޔުމަށް ހޭދަވާނީ 2މ 5ސ
ރޮނާލްޑޯ ފަހުވަގުތު ރެއާލްމެޑްރިޑުސަލާމަތްކޮށްދީފި.
ސްޕެނިޝް ލީގުގައި ރޭ ލަސް ޕަލްމަސް އާއި ބައްދަލުކުރި މެޗު އެއްވަރުވެ ރެއާލް މެޑްރިޑު ލީގުގެ ދެވަނަ މަގާމަށް ވެއްޓިއްޖެއެވެ.

ރޭގެ މެޗު އެއްވަރުވެ ލީގުގެ ދެވަނައަށް ރެއާލް ވެއްޓުނުއިރު އެޓީމު މިހާރު ލީގުގެ ދެވަނާގައި އޮތީ 56 ޕޮއިންޓާއެކީގައެވެ. ރެއާލްއަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން 57 ޕޮއިންޓާއެކީ އެއްވަނައިގައި އޮތީ ބާސެލޯނާއެވެ. ލީގުގެ ތިންވަނައިގައި 52 ޕޮއިންޓާއެކީ އޮތީ ސެވިއްޔާއެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ރެއާލްގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިނުވާއިރު މެޗުގެ އަށްވަނަ މިނެޓްގައި އިސްކޯ ވަނީ މެޗުގެ ލީޑު ރެއާލްއަށް ނަގާދީފައެވެ. ނަމަވެސް އޭގެ ދެ މިނެޓްފަހުން، ޓާނާ ވަނީ މެޗުގެ ނަތީޖާ ލަސް ޕަލްމަސްއަށް އެއްވަރުކޮށްދީފައެވެ.

މި ގޯލަށްފަހު ވެސް، ފުރަތަމަ ހާފްގައި ލަސް ޕަލްމަސްއިން ވަނީ ރަނގަޅުކުޅުމެއް ދައްކާ ގޯލްޖަހާނެރަނގަޅުފުރުސަތުތަކެއްވެސްތަނަވަސްކޮށްފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފްގެ ކުރީކޮޅު ރެއާލްގެ ފޯވާޑް، ގެރެތް ބޭލްއަށް ރެފްރީ ވަނީ ލަސް ޕަލްމަސްގެ ކުޅުންތެރިއަކަށް ހަމަލާ ދިނުމުގެ ސަބަބުން ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
އެހެން ކަމުން މެޗުގެ ބާކީ ބައި ރެއާލް ފުރިހަމަ ކުރަން ޖެހުނީ 10ކުޅުންތެރިންނާއެކީގައެވެ.

10 ކުޅުންތެރިންނާއި އެކު ރެއާލްއިން ކުޅެމުން ދަނިކޮށް މެޗުގެ 56 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ލަސް ޕަލްމަސް ވަނީ މެޗުގެ ލީޑުނަގާފައެވެ. މި ޕެނަލްޓީ ގޯލްގެ ތެރެއަށް ފޮނުވާލީ ޖޮނަތަން ވިއޭރާ އެވެ. އަދި އޭގެ ތިން މިނެޓްފަހުން، ކެވިން ޕްރިންސް ބޯޓެންގ ވަނީ ލަސް ޕަލްމަސްގެ ލީޑު ފުޅާކޮށްދީ ރެއާލް މެޑްރިޑު ހާސްކަމުގެ ތެރެއަށް ވައްޓާލާފައެވެ.

ދެ ގޯލުގެ ލީޑެއް ލަސް ޕަލްމަސްއިން ނެގުމާއެކީ ރެއާލްއިން ދިޔައީ އެޓީމުގެ ގޯލަށް ކައިރިކައިރީގައި ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 86 ވަނަ މިނެޓްގައި، ރެއާލްއަށް ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

އަދި އޭގެ ހަތަރު މިނެޓްފަހުން، ރޮނާލްޑޯ ވަނީ ރީތި ގޯލެއް ކާމިޔާބުކޮށްދީ މި މެޗުން ބަލިނުވެ ރެއާލް ސަލާމަތް ކޮށްދީފައެވެ. މި ދެ ގޯލާއެކީ ރޮނާލްޑޯ، ލީގުގައި ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 18 އަށް އަރާފައެވެ.
ލީގުގައި ދެން އަންނަ ހޮނިހިރު ދުވަހު ރެއާލް ބައްދަލުކުރާނީ އެއިބާއާއެވެ.

މިއަދު އޮންލައިން