ސްޕެނިޝް ލީގުގައި މިރޭ އެއިބާ އާއި ދެކޮޅަށް ރެއާލް މެޑްރިޑު ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން އެޓީމުގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅޭނެއެވެ.
މިރޭގެ މެޗުގައި ރޮނާލްޑޯއަށް އަނިޔާގެ ސަބަބުން ނުކުޅެވޭއިރު ޓީމާއެކީ އޭނާ އިއްޔެ ފަރިތަކުރުންތަކުގައިވެސް ބައިވެރިފައެއް ނުވެއެވެ. އެހެން ނަމަވެސް ރޮނާލްޑޯ އިއްޔެ ފަރިތަކުރުންތަށް ކުރިއަށްގެންދިޔައީ ޓީމާއި ވަކިން އެކަންޏެވެ.
ލީގުގައި އެންމެފަހުން ލަސް ޕަލްމަސް އާއި ދެކޮޅަށް ކުޅެ 3-3 ގެ ނަތީޖާއަކުން ރެއާލް އެއްވަރުވި މެޗުގައި ރޮނާލްޑޯ ވަނީ ދެ ގޯލު ކާމިޔާބުކޮށްދީ ޓީމު ބަލިވާން ދަނިކޮށް ފަހުވަގުތު ސަލާމަތް ކޮށްދީފައެވެ. ރޮނާލްޑޯ ވަނީ ލީގުގައި މިހާތަނަށް 19 ގޯލު ކާމިޔާބުކޮށްފައެވެ.
މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ރޮނާލްޑޯ ނުކުޅޭއިރު އަނިޔާގެ ސަބަބުން ރަފޭލް ވަރާން އާއި ސަސްޕެންޝަނުގެ ސަބަބުން ގެރެތް ބޭލް އާއި އަލްވާރޯ މޮރާޓާ ވެސް ނުކުޅޭނެއެވެ.
އެއިބާ އާއި ދެކޮޅަށް ރެއާލް ނިކުންނައިރު، އެޓީމު މިވަގުތު އޮތީ، ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއަށް ވުރެ، އެއް މެޗު މަދުންކުޅެ، 56 ޕޮއިންޓާއެކީ ލީގުގެ ދެވަނައިގައެވެ. އެއްވަނައިގައި ބާސާ އޮތީ 57 ޕޮއިންޓާއެކީގައެވެ.
އެއިބާގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ، މިރޭ ރާއްޖެގަޑިން 20:15 ގައެވެ.