އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށް ލިވަރޕޫލުގެ ކޯޗު ޖާރގަން ކްލޮޕް ބުނެފިއެވެ.
ޖާރގަން ކްލޮޕް ބުނީ ލިވަޕޫލު ޔޫރަޕްގެ އެންމެ ޝަރަފްވެރި މުބާރާތް ކަމުގައިވާ ޗެމްޕިއަންސް ލީގަށް ކޮލިފައިވާން ބުރަމަސައްކަތް ތަކެއް މިހާރުވެސް ކުރަމުންގެންދާ ކަމަށާއި އެގޮތުން މަސައްކަތް ކޮށްފިނަމަ އުންމީދު ބޮޑުކަމަށެވެ.
އަދި ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެނަމަ އެއީ ލިވަރޕޫލްއަށް ލިބޭނެ ކާމިޔާބީއެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
ޕްރިމިއަރ ލީގުގެ ގަދަ ތިން ޓީމު އޮޓެމެޓިކުން ޗެމްޕިއަންސް ލީގަށް ކޮލިފައިވާއިރު، ހަތަރުވަނައަށް ދާ ޓީމު މުބާރާތަށް ކޮލިފައިވާނީ، ޕްލޭއޮފް ކުޅެގެންނެވެ. ލިވަރޕޫލް މިވަގުތު އޮތީ 26 މެޗުން ލިބުނު 49 ޕޮއިންޓާއެކީ ލީގުގެ ފަސްވަނައިގައެވެ.
ލީގުގައި މިރޭ އާރސެނަލް އާއި ދެކޮޅަށް ލިވަރޕޫލް ނިކުންނަ އިރު، މިރޭގެ މެޗުވެސް ކާމިޔާބުކުރަން ލިވަރޕޫލުން މަސައްކަތް ކުރާނެއެވެ. އެހެން ނަމަވެސް މިރޭގެ މެޗަކީ އެޓީމަށް އުނދަގު މެޗަކަށް ވެގެންދާނެއެވެ.
ކްލޮޕް ބުނީ ޔޫރަޕްގެ މުބާރާތަކަށް އަންނަ ސީޒަނުގައި ކޮލިފައިވުމުގެ ރޭހުގައި ދެމިތިބުމަށް، މިރޭ އާރސެނަލް އަތުން މޮޅެއް ހޯދުން ވަރަށް މުހިއްމު ކަމަށެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 22:30 ގައެވެ.