ގެރެތް ބޭލް ދެމެޗަށް ސަސްޕެންޑް ކޮށްފި.

ކިޔުމަށް ހޭދަވާނީ 1މ 27ސ
ގެރެތް ބޭލް ދެމެޗަށް ސަސްޕެންޑް ކޮށްފި.
ސްޕެނިޝް ލީގުގައި އެންމެ ފަހުން ލަސްޕަލަމްސްއާ ދެކޮޅަށް، ރެއާލް ކުޅުނު މެޗުގައި، ގަސްދުގައި ލަސް ޕަލްމަސްގެ ކުޅުންތެރިއަކަށް ހަމަލާ ދިނުމުގެ ކުށުގައި ވޭލްސްގެ ގެރެތު ބޭލްއަށް ދެއްކި ރަތް ކާޑާއެކު، އޭނާ ދެ މެޗަށް ސަސްޕެންޑް ކުރުމަށް ސްޕެނިޝް ލީގްގެ، ކޮމްޕްޓީޝަން ކޮމިޓީން ނިންމައިފިއެވެ.

ލަސްޕަލަމްސްގެ ޖޮނަތަން ވިއޭރާއާ ބޭލްއާ ދެމެދު މި ކުރިމަތިލުން ހިނގީ މެޗުގެ ފުރަތަމަ ހާފުގެ 46 ވަނަ މިނެޓުގައެވެ. މި ހަމަ ނުޖެހުމުގައި ބޭލް ވަނީ ވިއޭރާގެ މޭގައި އަތުން ޖަހާ ވައްޓާލާފައެވެ. އެވަގުތު އެ މަންޒަރު ބަލަން ހުރި ރެފްރީ އޭނާއަށް ދެއްކީ ސީދާ ރަތް ކާޑެކެވެ.

އެ މެޗަކީ ގިނަދުވަސަތަކެއް ވަންދެން އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށްފަހު ބޭލް ކުޅުނު ތިންވަނަ މެޗެވެ.

1-3 ގެ ނަތީޖާއިން ރެއާލް ބަލިވާން ދަނިކޮށް ރެއާލް ބަލި ނުވެ ސަލާމަތްވީ މެޗުގެ އެންމެ ފަހު ދިހަ މިނެޓްގައި ރޮނާލްޑޯ ކާމިޔާބު ކުރި ދެ ލަނޑުން ނެވެ. އެމެޗުން މޮޅު ނުވެވުމުން ރެއާލް އަށް ވަނީ ތާވަލުގެ އެއްވަނަ މަގާމު ގެއްލިފައެވެ.

އެއިބާ އާއި ރެއާލް ބެޓިސްއާ ދެކޮޅަށް، ރެއާލް ކުޅޭ މެޗުގައި، ބޭލް އަށް ނުކުޅެވޭނެ އެވެ.

ރެއާލް މެޑްރިޑުން ބުނީ، ދެ މެޗަށް ސަސްޕެންޑް ކުރުމުން، އެމައްސަލަ އިސްތިއުނާފް ކުރުމަށް، އިސްތިއުނާފް ކޮމިޓީއަށް ހުށަހަޅާނެ ކަމަށެވެ.

އަދި ބޭލްއަށް މި ސަސްޕެންސަނުގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެވޭއިރު ރެއާލްގެ މުހިންމު ގިނަ ކުޅުންތެރިން މިރޭގެ މެޗުގައި އެކި ސަބަބުތަކާހެދި ނުކުޅޭނެއެވެ.
ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ މިކަމާ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

މިއަދު އޮންލައިން