ޢިލްމު އުނގެނެން ނުވަތަ ކިޔަވަން މަސައްކަތްކުރާއިރު މާތް ﷲ އަށް ދުޢާކުރުން މަތީގައި ދެމިތިބުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިލްތިމާސްކުރައްވައިފިއެވެ.
ޑރ. ޝަހީމް މިކަމަށް ގޮވައިލެއްވެވީ ތާޖުއްސްކޫލްގައި މިއަހަރު ހަރަކާތްތެރިވާނެ އެސްކޫލުގެ އިސްދަރިވަރުންނަށް ލީޑަރޝިޕް ބެޖް ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޑރ. ޝަޙީމް ވިދާޅުވީ ޢިލްމު ޙޯދަން މަސައްކަތްކުރާއިރު ކުރާނެ ދުޢާ މާތް ﷲ ވަނީ ކީރިތި ޤްރްއާނުގެ ޠާޙާ ސޫރަތުގައި ބަޔާންކުރައްވަވާފައި ކަމަށެވެ. އަދި އެ ދުޢާއަކީ "ރައްބި ޒިދްނީ ޢިލްމާ" ކަމަށެވެ. (މިއަޅާއަށް ޢިލްމު ދެއްވަވާނދޭވެ.)
رَّبِّ زِدۡنِي عِلۡمٗا
ޑރ. ޝަހީމް ވިދާޅުވީ ދަރިންނަށްޓަކައި މައިން ބަފައިންވެސް ދުޢާކުރަންވާނެ ކަމަށެވެ. ދަރިންނަށްޓަކައި މައިން ބަފައިން ކުރާ ދުޢާ މާތްﷲ އިޖާބަ ކުރައްވަވާނެ ކަމަށެވެ. އެހެންކަމުން މައިން ބަފައިން ދަރިންނަށް ވީހައި ގިނަގިނައިން ހެޔޮ ދުޢާކުރަން ޖެހޭނެ ކަމަށެވެ.
ދަރިވަރުންގެ ކިބައިގައި ރިވެތި ސުލޫކް ހުންނަންޖެހޭނެ ކަމާއި އެކަމުގެ މުހިންމުކަން ޑރ. ޝަހީމް ވަނީ ކީރިތި ޤްރްއާނުން ބަޔާންކޮށްދެއްވަވައިފައެވެ.
ޑރ. ޝަހީމް ވިދާޅުވީ ކީރިތި ޤްރްއާނުން މާތްﷲ ބާވައިލެއްވެވި ފުރަތަމަ އާޔަތުންވެސް އެނގިގެންދަނީ ތަރުބިއްޔަތުގެ މުހިންމުކަން ކަމަށެވެ.
اقْرَأْ بِاسْمِ رَبِّكَ الَّذِى خَلَقَ
ޑރ. ޝަހީމް ވިދާޅުވީ މިއާޔަތުގައި ބަޔާންވެގެންވާ "ރައްބު"ގެ މާނައަކީ ހައްދަވައި ތަރުބިއްޔަތުކުރައްވަވާ އިލާހް ކަމަށެވެ. އެހެންކަމުން ރަނގަޅު ތަރުބިއްޔަތަކުން ތަރުބިއްޔަތު ލިބިގަތުމުގެ މުހިންމުކަން ހާމަވާ ކަމަށެވެ.
ޙާޞިލުކުރާ އިލްމުގެ ހަޤީޤީ ފައިދާ އެމީހަކަށް ކުރާނީ އެމީހާގެ ކިބައިގައި ހަރުދަނާ ސުލޫކެއް ހުރެގެން ކަމަށެވެ. "ސުލޫކާއި އިލްމަކީ އުދުހެވޭނެ ދެ ފިޔަ. އެތަނުން އެއް ފިޔަ ބިނދުނު ނަމަވެސް އެމީހަކަށް ނުއުދުހެވޭނެ."