އިނިގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުން 1-3 ގެ ނަތީޖާއިން އާސެނަލް ބަލިކޮށް، ޕްރިމިއަރ ލީގުގެ ތިންވަނައަށް ލިވަރޕޫލް އަރައިފިއެވެ.
ރޭގެ މި މޮޅާއެކީ، ލިވަރޕޫލް ލީގުގެ ތިންވަނައިގައި އޮތީ ކުޅުނު 27 މެޗުން ލިބުނު 52 ޕޮއިންޓާއެކީގައެވެ. ނަމަވެސް މިރޭ ކުޅޭ މެޗުން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެނަމަ، ލީގުގެ ހަތަރުވަނައަށް ލިވަރޕޫލް ވެއްޓޭނެއެވެ. ރޭގެ މެޗުން ބަލިވި އާސެނަލް އޮތީ، 50 ޕޮއިންޓާއެކީ ލީގުގެ ފަސްވަނައިގައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފް ފެށިގެން ލިވަޕޫލުން މޮޅަށް ކުޅެމުން ގޮސް، މެޗުގެ 9 ވަނަ މިނެޓުގައި ފަމީނިއޯ ގޯލެއް ޖަހާ ލީޑުނަގާފައިވާއިރު، 40 ވަނަ މިނެޓުގައި ސަޑިއޯ މާނޭ ވަނީ ލިވަރޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.
ދެ ގޯލުގެ ލީޑެއްގައި އޮވެ ލިވަރޕޫލުން މެޗުގެ ފުރަތަމަ ހާފު ނިންމާލިނަމަވެސް މި މެޗުގެ ފުރަތަމަ އެގާރައިން ފުރުޞަތު ނުލިބިވާ އާސެނަލްގެ މުހިންމު ކުޅުންތެރިޔާ އެލެކްސިސް ސަންޗޭޒް ދެވަނަ ހާފަށް ކުޅެން އެރުމާއެކު އާސެނަލްއިން ވަނީ ފުރަތަމަ ހާފާއި ޚިލާފަށް ފަހުހާފުގެ ކުޅުން ވަރަށް ބޮޑުތަން ރަނގަޅު ކޮށްފައެވެ. އެގޮތުން ލިވަރޕޫލްގެގޯލަށްއާސެނަލްއިންދިޔައީމެދުނުކެނޑިނުރައްކާކުރަމުންނެވެ.
ނަތީޖާއެއްގެ ގޮތުން ސަންޗޭޒް ދިން ޕާހަކުން މެޗުގެ 57 ވަނަ މިނެޓްގައި ޑެނީ ވެލްބެކް ވަނީ އާސެނަލްއަށް ގޯލެއް ކާމިޔާބުކޮށްދީ ފަރަގު ކުޑަކޮށްފައެވެ.
އާސެނަލްގެ މި ގޯލަށްފަހު، ލިވަރޕޫލުންވެސް ވަނީ ގޯލްޖަހާނެ، ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މި މެޗުން ތިން ޕޮއިންޓް، ލިވަރޕޫލްއަށް ކަށަވަރުކޮށްދިން ގޯލު، މެޗުގެ ފަހުވަގުތުކޮޅުތެރޭ، ކާމިޔާބުކޮށްދިނީ ވައިނަލްޑަމްއެވެ.
މިއީ މި ސީޒަނުގައި ލިވަރޕޫލްއިން، އާސެނަލްގެ މައްޗަށް ހޯދި ދެވަނަ މޮޅެވެ. މި ދެ ޓީމު ސީޒަނުގެ ކުރީކޮޅު، އާސެނަލްގެ ދަނޑުގައި ބައްދަލުކުރި މެޗު، ލިވަރޕޫލްއިން ކާމިޔާބުކުރީ 3-4 ގެ ނަތީޖާއަކުންނެވެ.