ލީގުގެ އެއްވަނައިގައި ޔުވެންޓަރސް 8 ޕޮއިންޓްގެ ލީޑަކާ އެކު ހަމަޖެހިލައިފި.

ކިޔުމަށް ހޭދަވާނީ 1މ 24ސ
ލީގުގެ އެއްވަނައިގައި ޔުވެންޓަރސް 8 ޕޮއިންޓްގެ ލީޑަކާ އެކު ހަމަޖެހިލައިފި.
އިޓަލީ ލީގުގައި ރޭ އުދިނޭސީ އާއި ބައްދަލުކުރި މެޗު އެއްވަރުވެ އިޓާލިއަން ލީގުގެ އެއްވަނައިގައި 8 ޕޮއިންޓްގެ ލީޑެއް ޔުވެންޓަރސްއިން ނަގައިފިއެވެ.

ރޭ އުދިނޭސީ އާ ދެކޮޅަށް ޔުވެންޓަރސް ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ. ރޭގެ މި ނަތީޖާއާ އެކު ޔުވެންޓަރސް ލީގުގެ އެއްވަނައިގައި އޮތީ 67 ޕޮއިންޓާއެކީގައެވެ. ލީގުގެ ދެވަނައިގައި 59 ޕޮއިންޓާއެކީ ރޯމާ އޮތްއިރު، ތިންވަނައިގައި 57 ޕޮއިންޓާއެކީ އޮތީ ނަޕޯލީއެވެ.

އުދިނޭސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީވެސް އުދިނޭސީންނެވެ. މި ގޯލު މެޗުގެ 37 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ޑުވާން ޒަޕާޓާއެވެ.

އުދިނޭސީ ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 60 ވަނަ މިނެޓްގައި ލިއަނާޑޯ ބޮނޫޗީ ވަނީ ލަނޑެއް ޖަހާ ޔުވެންޓަރސްއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ލަނޑަށް ފަހުވެސް ދެޓީމަށްވެސް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވިގެން ދިޔައީ އުދިނޭސީގެ ޑެނީލޯއަށް ލިބުނު ހުސް ފުރުސަތެވެ. އޭނާ ޔުވެންޓަރސްގެ ޕެނަލްޓީއޭރިއާގެ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ރޭގެ މެޗަކީ މި ސީޒަނުގެ އިޓާލިއަން ލީގުގައި ޔުވެންޓަރސް އެއްވަރުވި ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ. އެޓީމު ވަނީ އަދި މިހާތަނަށް ކުޅުނު ހުރިހާ މެޗުންވެސް މޮޅުވެފައެވެ.

އިޓާލިއަން ލީގުގައި ރޭ، ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އިންޓަރ މިލާނުން ވަނީ ފަސޭހަކަމާއެކީ 1-5 ގެ ނަތީޖާއަކުން ކަގްލިއާރީގެ މައްޗަށް ފަސޭހަކަމާއެކީ ކުރި ހޯދާފައެވެ.

މީގެ އިތުރުން ޓޮރީނޯއިން ވަނީ 1-3 ގެ ނަތީޖާއަކުން ޕަލޭމޯގެ މައްޗަށް ކުރި ހޯދާފައެވެ.
މިއަދު އޮންލައިން