ޔޫއެފަރ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ ކުޅުނުމެޗުން 1-3 ގެ ނަތީޖާއަކުން ނަޕޯލީ ބަލިކޮށް މުބާރާތުގެ ކުއާޓަރ ފައިނަލަށް ސްޕެއިންގެ ރެއާލް މެޑްރިޑް ދަތުރުކޮށްފިއެވެ.
މި ދެ ޓީމު ބައްދަލުކުރި، ފުރަތަމަ ލެގުގެ މެޗުވެސް 1-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ރެއާލް މެޑްރިޑުންނެވެ. އެހެންކަމުން މި މުބާރާތުގެ ކުއާޓަރއަށް ރެއާލް ދަތުރުކުރީ 2-6 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ނަޕޯލީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 24 ވަނަ މިނެޓްގައި މާޓެންސް ވަނީ ލަނޑުޖަހާ ނަޕޯލީއަށް މެޗުގެ ލީޑު ނަގާދީފައެވެ.
މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ރެއާލްގެ ފޯވަރޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވެސް ވަނީ ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުޞަތެއް ލިބިގެން ގޮސްފައެވެ. ނަޕޯލީގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ރޮނާލްޑޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ހަމަ އެގޮތަށް ނަޕޯލީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން މާޓެންސްއަށް ވެސް ވަނީ އެކަހަލަ ފުރުޞަތެއް ލިބިގެން ގޮސްފައެވެ. އެހެން ނަމަވެސް ރެއާލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުސްކޮށް ހުރެ އޭނާ ފޮނުވާލި މި ހަމަލާ އަމާޒުވީ ގޯލު ދަނޑިއަށެވެ.
ނަޕޯލީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ސާޖިއޯ ރާމޯސް ވަނީ ލަނޑެއްޖަހާ ރެއާލްއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. ރެއާލްއިން މެޗުގެ ލީޑުގީ 57 ވަނަ މިނެޓްގައި ނަޕޯލީ ކުޅުންތެރިއެއް އަތުން، ބައިކޮޅަށް ވަތް ލަނޑަކުންނެވެ.
ރެއާލްގެ ތިންވަނަ ގޯލު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލްވާރޯ މޮރާޓާއެވެ.
މިއީ މުބާރާތުގެ ކުއާޓަރ ފައިނަލަށް ޖެހިޖެހިގެން ރެއާލް ދަތުރުކުރި ހަތްވަނަ ފަހަރެވެ. ރެއާލްއަކީ މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ވެސް މެއެވެ