މިއަހަރު ފެށުންފަހުން، އުފެދުނު ދިވެހި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އެފިލްމަކަށް އެންމެ ބޮޑަށް އިންތިޒާރުކުރި އެއް ފިލްމަކީ، ޔާރާ ޕްރޮޑަކްޝަންސްއިން އެންމެ ފަހުން އުފެއްދި ފިލްމު ކަމަށްވާ "ވިޝްކާ" އެވެ.
މުޖުތަމައުގައި މިހާރު އާއްމުވެފައިވާ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "ވިޝްކާ" އަށް، އެތަކެއް ގޮންޖެހުންތަކަކާއި ކުރިމަތިވުމަށްފަހު ރޭ ޝްވެކް ސިނަމާގައި ވަނީ ވަރަށް ކުލަގަދަކޮށް ޕްރިމިއާރ ކޮށްފައެވެ. ފިލްމު ބެލުމަށްފަހު ފިލްމަށް ފާޑުކީ މީހުންނަށްވުރެ ގިނައީ ތަޢުރީފްކުރި މީހުންނެވެ.
ފިލްމުގެ ލީޑް ރޯލް އަދާ ކޮށްފައިވަނީ ތިން ފަރާތެކެވެ. އެއީ:
ރަވީ ފާރޫޤް- އިޝާން (އިޝަންޓޭ)
އައިޝަތު ރިޝްމީ- ވިޝްކާ
އަޙުމަދުސައީދު- އެމް.ޕީމަނިކު
ކާސްޓުންގެ ރޯލު ފުރިހަމައަށް އަދާކުރެވިފައިވޭތަ؟
ފިލްމުގައި އަޙްމަދު ސައީދު ކުޅެފައިވަނީ އެމް.ޕީ މަނިކު ގެ ރޯލެވެ. ސިޔާސީ ވޭތޯ ނުވަތަ ނޫންތޯ ބުނާކަށް އަޅުގަނޑު ނެތީމެވެ.
ދެން މިއޮތީ ފިލްމުގެ ވަރަށް މުހިންމު އެއް ފަރާތް ކަމުގައިވާ ރަވީ ފާރޫޤް ގެ އެކްޓިންގ އާއި ބެހޭގޮތުން ބައެއް ބެލުންތެރިން ދެކުނު ގޮތެވެ. ރަވީ "ވިޝްކާ" ގައި ކުޅެފައިވަނީ އިޝާން ނުވަތަ އިޝާންޓޭ ގެ ރޯލެވެ. ފަސް ތަރިން ރޭޓް ކުރާނަމަ ހަމަ ޔަޤީނުންވެސް ދިހަ ތަރި އޭނާގެ މިޕަރފޯމަންސްއަށް ދޭވަރުވެއެވެ. އެހާވެސް ފުރިހަމައެވެ.އަދި އެހާމެ ބިރުވެރިވެސް މެއެވެ.
"ރަވީ ފެނުނަސް މިހާރު ބިރުގަނޭ" މިއީ ފިލްމު ބަލާ ނިމިގެން ނިކުތް ބެލުންތެރިއެއް ބުނި އެއްޗެކެވެ. ނަމަވެސް އެއް ބެލުންތެރިއެއް ބުނެފައިވަނީ "ރަވީގެ އެކްޓިންގ ވަރަށް ސަޅި އެކަމަކު މާގިނައިން ކަންނޭނގެ ހަޑިއެއްޗިސް ކިޔާފަ ހުރީ، ރަވީ އަށް އުނދަގޫ ނުވިބާއޭ ހިތަށް އެރި އެހެން ކިޔަން" މިސުވާލުގެ ޖަވާބު ހޯދާލުމަށް ރަވީއާއި މިސުވާލު "މިއަދު" ގެ ފަރާތުން ކޮށްލީމެވެ. ރަވީ ބުނެފައިވަނީ: "އަސްލުގަ ނުވޭ އުނދަގުލެއް. އެއީ ވާގޮތަކީ މީގަ އިންނަ ކެރެކްޓަރގެ ގޮތުން، އާއްމުގޮތެއްގައި އުޅޭހެނެއް ނޫން މިކެރެކްޓާރ ކުޅެން މިޖެހެނީ އެހެންވެ ތަންކޮޅެއް ކުރީބައިގަ ޕްރެކްޓިސް ކުރަން ފަށައިފިން މިކެރެކްޓާރ ގެންނަން. މާހައުލެއް އައިސް ޖެހޭއިރު އެބަ ޖެހޭ އެނގެން ތިމަންނަމެން ކީކޭތޯ ކިޔަން މިޖެހެނީ.
ދެން ހައިލައިޓް ކޮށްލާނަން އަދި އެއް ކަމެއް. މީގަ އިންނާނީ ސީންކް-ސައުންޑް ނަގާފަ. ޑަބް ކޮށްފައެއް ނުހުންނާނެ. ސީންކް-ސައުންޑް ނަގާއިރު ނީންނާނެ އެއްވެސް ފުރުސަތެއް މިސާލަކަށް ކެމެރާ ފުރަގަހުގަ ހުރެފަ މިވެނި ޑައިލޮގެކޭ ބުނަންވީ ބުނާކަށް. އެޓައިމްއެއް ވެސް ނުލިބޭނެ. އެހެންވީމަ އެޑްވާންޓޭޖް އެބަ ލިބޭ އޭގެ ތެރެއަށް ބޮޑަށް ވަންނަން.
ދެން މިއޮތީ، މިފިލްމު އެންމެ ބޮޑަށް ބިނާވެފައިވާ ފަރާތުގެ އެކްޓިންގގެ ވާހަކަ ދައްކާލުމެވެ. ސްޕޮއިލާރ އަކާއި ނުލާ "ވިޝްކާ"، ނުވަތަ އައިޝަތު ރިޝްމީ ދައްކުވާދިން އެކްޓިންގގެ ވާހަކަ ދެއްކުން ވަރަށް އުނދަގުލެވެ. ނަމަވެސް މިފިލްމަކީ ކްރައިމް ބޭސްޑް ސަސްޕެންސް ތްރިލާރ އަކަށް ވުމާއިއެކު، "ވިޝްކާ" ގެ ކެރެކްޓާރ ސްޕޮއިލް ކޮށްފިނަމަ ފިލްމުގެ ކުރިމެރުނީއެވެ.
ވީމާ އެހެން ނުހަދާ، ރިޝްމީގެ އެކްޓިންގ އާއި ބެހޭގޮތުން އެއްޗެއް ބުނެލާނަމެވެ. ހަމަ ޔަޤީނުންވެސް މިފިލްމުގައި ރިޝްމީ ކުޅެފައިވާ ރޯލު ވަރަށް ވެސް ތަފާތެވެ. އަދި އެހާމެ ފުރިހަމައެވެ. ފިލްމުގައި އެކިއެކި މޫޑުތަށް ގެންނަން ޖެހިފައިވާއިރު، އެޙާލަތަކާއި ގުޅޭ އެކްސްޕްރެޝަން އޭގެ އެންމެ ފުރިހަމައަށް ރިޝްމީ ގެނެސްދީފައިވެއެވެ.
މިފިލްމުގައި އަންހެނެއް ރޯ މަންޒަރު ދެއްކިޔަސް، ދައްކުވައިދެނީ އަނެކާއަށް ނުވިސްނޭ އިމޯޝަނަލް ކަމަކާހެދި އިނދެގެން ރޯތަނެއް ނޫނެވެ. ވަރަށް ހިތްވަރުގަދަ އަޒުމް ވަރުގަދަ އަންހެނެއްގެ ރޯލު "ވިޝްކާ" ގައި ރިޝްމީ ދައްކުވާދީފައިވެއެވެ.
ފިލްމުގެ ޕްރިމިއާރ ޚަފްލާ ނިމުމުން، ރިޝްމީގެ ކޮއްކޮ އަދި މިހާރު ދިވެހި ފިލްމީ ދާއިރާގައި އެންމެ ގަދަޔަށް ފިޔަޖަހަމުން އަންނަ އެއްތަރި ކަމުގައިވާ މަރިޔަމް އައްޒަ ބުނެފައިވަނީ، މިފިލްމުގެ ފުރިހަމަކަމުން މުޅި ފިލްމު ފައްޓައިގެން ނިމެންދެން އޭނާ އިނީ ފިލްމަށް ގެއްލިފައި ކަމަށާއި، ފިލްމުގައި 'ކުޑާއްތަ' (ރިޝްމީ) ދައްކުވާދިން އެކްޓު ވަރަށް ވެސް ފުރިހަމަ ކަމަށެވެ. އަދި އުފަލުން ގޮސް ފެންކަޅިވެފައި ހުރެގެން، އައްޒަ ބުނީ ރިޝްމީ އަކީ އޭނާގެ ދައްތަ ކަމުގައިވާތީ، އެކަމާއި ވަރަށް ފަޚުރުވެރިވެ އުފާވާ ކަމަށެވެ.
ރިޝްމީ ގެ ކެރެކްޓާރ އާއި ދޭތެރޭ ފާޑުކިޔާނަމަ، އެއް ބެލުންތެރިއެއް ބުނީ، ކުޑަކޮށް ރިޝްމީގެ ކެރެކްޓަރ (ވިޝްކާ) އަށް "ބޭޑް-ނޭމް" އެއް ލިބުންކަމަށާއި ނަމަވެސް އެއީ އެރޯލު އިންނަންވީ ގޮތް ކަންނޭގެ ކަމަށެވެ.
ކޮންމެހެނަކަސް، "ވިޝްކާ" ގެ ފެށުން ވަރަށް ވެސް ކާމިޔާބެވެ. "ވިޝްކާ" ގެ އަސްލު މަޤްސަދު ފިލްމުގެ ފަހުކޮޅުގައި އެނގޭއިރު، ބެލުންތެރިން ހައިރާން ކޮށްލުވާހާ ރީތިވެފައި ފުރިހަމައެވެ.