ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ހިތިގޮތަކަށް ބަލިކުރުމަށް ފަހު ޗެމްޕިއަންސް ލީގުގެ ކުއާޓަރފައިނަލަށް ސްޕެއިންގެ ބާސެލޯނާ ދަތުރުކޮށްފިއެވެ.
ޗެމްޕިއަންސްލީގުގެ ކުއާޓާފައިނަލުން ބާސާ ޖާގަހޯދީ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ 1-6 ގެ ނަތީޖާއަކުން ޕީއެސްޖީ ބަލިކުރުމަށްފަހުގައެވެ.
މި ދެ ޓީމު ބައްދަލުކުރި، ފުރަތަމަ ލެގުގެ މެޗު 0-4 ގެ ނަތީޖާއަކުން، ކާމިޔާބުކޮށްފައިވަނީ ޕީއެސްޖީންނެވެ. އެހެންކަމުން ބާސާ މުބާރާތުގެ ކުއާޓަރއަށް ދަތުރުކުރީ، 5-6 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ބާސާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ ތިންވަނަ މިނެޓްގައި ލުއިސް ސުއަރޭޒް ވަނީ، ގޯލެއް ކާމިޔާބުކޮށް ބާސާއަށް ލީޑުނަގާދީފައެވެ. މި ގޯލަށްފަހު ވެސް ބާސާއިން ދިޔައީ، ކައިރިކައިރީގައި ޕީއެސްޖީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.
މި ދެ ޓީމު ބައްދަލުކުރި، ފުރަތަމަ ލެގުގެ މެޗުގައި ދެއްކިފަދަ ކުޅުމެއް، ރޭގެ މެޗުގައި ޕީއެސްޖީއަށް ދެއްކިފައި ނުވާއިރު އެޓީމުގެ ފަރާތުން ރޭގައި ފެނުނީ މުޅިން ޑިފެންސިވް ކޮށް ކުޅެން މަސައްކަތް ކުރިތަނެވެ. އެގޮތުން ޕީއެސްޖީގެ މުޅި ޓީމުކަހަލަ ގޮތަކަށް ފަހަތަށް ފައިބައިގެން ކުޅެމުންގެންދިޔައިރު އެޓީމު ކުޅެމުންދިޔައީ ވަރަށް ބޮޑަށް ޕްރެޝަރުގައި ތިބެގެންނެވެ.
މެޗުގެ 40 ވަނަ މިނެޓްގައި ބާސާއިން އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކުރިއިރު އެ ގޯލަކީ ޕީއެސްޖީގެ ޑިފެންޑަރު ކުރްޒާވާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ދެ ގޯލުގެ ލީޑަކާއެކީ ބާސެލޯނާއިން ފުރަތަމަ ހާފް ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން، ބާސާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީއެވެ.
ހަތަރުވަނަ ގޯލެއް ކާމިޔާބުކުރުމަށް، ބާސާއިން ބުރަކޮށް މަސައްކަތްކުރަމުން ދަނިކޮށް މެޗުގެ 62 ވަނަ މިނެޓްގައި އެޑިންސަން ކަވާނީ ވަނީ ޕީއެސްޖީއަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ.
މި ގޯލަށްފަހު، ވެސް ޕީއެސްޖީއަށް ގޯލްޖަހާނެ ހުސް ދެ ފުރުސަތެއް ވަނީ ލިބިގެން ގޮސްފައެވެ. ޑިމަރިޔާ އަދި ކަވާނީއަށް ލިބުނު މި ފުރުސަތު ބޭކާރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ނަތީޖާއަކަށްވީ މެޗުގެ ފަހުވަގުތުކޮޅުތެރޭ ބާސާއިން އިތުރު ތިން ގޯލު ކާމިޔާބުކޮށް ހިތްދަތި ގޮތަކަށް މުބާރާތުން ޕީއެސްޖީ ކަޓުވާލުމެވެ. ބާސާއިން ކާމިޔާބުކުރި އެ ތިން ގޯލުގެ ތެރެއިން، ދެ ގޯލު ކާމިޔާބުކޮށްދިނީ، ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނޭމާއެވެ.
އަދި ބާސާއަށް ކުއާޓާފައިނަލް ކަށަވަރު ކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ އެންމެ ފަހު މިނެޓުގައި ނޭމާ ނަގައިދިން ހުރަހަކުން މެޗުގެ އެންމެފަހު މިނެޓްގައި ސާޖީ ރޮބާޓޯއެވެ.
ރޭގެ މޮޅާއެކީ ބާސާ ކުއާޓަރއަށް ދަތުރުކުރިއިރު ރެއާލް މެޑްރިޑު އަދި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑުވެސް ވަނީ ކުއާޓަރ އިން ޖާގަ ހޯދާފައެވެ.