ޔޫއެފަރ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ ބެންފީކާއާ ދެކޮޅަށް ޑޯޓްމަންޑް ކުޅުނު މެޗުގައި ޕިއެރޭ އެމެރިކް އޯބަމަޔަންގެ ހެޓްރިކާއެކު މުބާރާތުގެ ކުއާޓަރ ފައިނަލަށް އެޓީމު ދަތުރުކޮށްފިއެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގެ މެޗުން، ބެންފީކާގެ މައްޗަށް ޑޯޓްމަންޑް ކުރިހޯދީ 0-4 ގެ ނަތީޖާއަކުންނެވެ.
މި ދެ ޓީމު ބައްދަލުކުރި، ފުރަތަމަ ލެގުގެ މެޗު 0-1 ގެ ނަތީޖާއަކުން، ކާމިޔާބުކޮށްފައިވަނީ ބެންފީކާއިން ކަމަށްވާއިރު ޑޯޓްމަންޑް މުބާރާތުގެ ކުއާޓާއަށް ދަތުރުކުރީ 1-4 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ޑޯޓްމަންޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ޑޯޓްމަންޑުން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އޯބަމަޔަންއެވެ.
ޑޯޓްމަންޑް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، މެޗުގެ 59 ވަނަ މިނެޓްގައި ކްރިސްޓިއަން ޕުލިސިޗް، ޑޯޓްމަންޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކުރިއިރު އޭގެ ދެ މިނެޓްފަހު އޯބަމަޔަން ވަނީ ޑޯޓްމަންޑްގެ ތިންވަނަ ގޯލްވެސް ކާމިޔާބުކޮށްދީ މެޗުގެ ލީޑު ފުޅާކޮށްދީފައެވެ.
އަދި މެޗުގެ 85 ވަނަ މިނެޓްގައި، ޑޯޓްމަންޑްގެ ހަތަރުވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ އޯބަމަޔަންއެވެ. މި ގޯލާއެކު އޭނާ މި މެޗުގައި ހެޓްރިކު ފުރިހަމަ ކުރިއިރު ރޭގެ މެޗުގައި ކާމިޔާބުކުރި ތިން ގޯލާއެކީ، މި ސީޒަނުގައި އޯބަމަޔަން ކާމިޔާބުކުރި، ގޯލުގެ އަދަދު ވަނީ 28 އަށް އަރާފައެވެ.
މުބާރާތުގެ ކުއާޓަރއަށް ޑޯޓްމަންޑް ދަތުރުކުރިއިރު، އެޓީމަކީ މުބާރާތުގެ ކުއާޓަރއަށް ބަޔާން މިއުނިކުވެސް ވަނީ ދަތުރު ކޮށްފައެވެ.