ބާސެލޯނާ އާއި ޕީއެސްޖީ މެޗުގެ ރެފްރީ، ޑެނިޒް އައިޓްކިން އަށް ޔޫއެފަރ އިން އަދަބު ދެނީ..

ކިޔުމަށް ހޭދަވާނީ 2މ 8ސ
ބާސެލޯނާ އާއި ޕީއެސްޖީ މެޗުގެ ރެފްރީ، ޑެނިޒް އައިޓްކިން އަށް ޔޫއެފަރ އިން އަދަބު ދެނީ..
ޔޫއެފަރ ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފްތާ ބުދަ ދުވަހުގެރޭ ޕީއެސްޖީ އާއި ބާސެލޯނާ ބައްދަލުކުރި މެޗުގެ ރެފްރީ، ޖަރުމަނުގެ ޑެނިޒް އައިޓްކިން އަށް އަދަބުދޭން ޔުއޭފަރގެ ރެފްރީސް ޕެނަލުން މަޝްވަރާ ކޮށްފައިވާ ކަމަށް ދުނިޔޭގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ޕީއެސްޖީން ކާމިޔާބުކުރީ އެޓީމުގެ އަމިއްލަ ދަނޑުގައި 4-0 ގެ ނަތީޖާއިންނެވެ. އެހެން ނަމަވެސް ޕީއެސްޖީ 4 ގޯލުގެ ތަފާތު ބޮޑު ނަތީޖާއެއްގައި ވަނިކޮށް އެޓީމު ބަލިކޮށް ބާސެލޯނާ ކުއާޓަރ އިން ޖާގަ ހޯދީ ދެވަނަ ލެގުގައި އެޓީމުގެ އަމިއްލަ ދަނޑުގައި 6-1 އިން ކުރިހޯދައި ހޯދި ބޮޑު މޮޅާ އެކު 5-6 ގެ އެގްރިގޭޓު ނަތީޖާއަކުންނެވެ.

ބާސެލޯނާ އިން ޕީއެސްޖީގެ މައްޗަށް ކުރިހޯދީ މި މެޗުގައި ފަހުވަގުތު ދިން ޕެނަލްޓީއާ މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

މި ޕެނަލްޓީ އަކީ ދެޓީމުގެ އެގްރިގޭޓް ނަތީޖާ ހަމަހަމަ ކުރި ޕެނަލްޓީއެވެ. މި މެޗުގައި ބާސާއަށް ރެފްރީ ދިން މި ޕެނަލްޓީގެ ރެޕްލޭ ބަލާލާއިރު އިދިކޮޅު ކުޅުންތެރިޔާ ސުއަރޭޒްގެ ގައިގަ އެއްވެސް ވަރަކަށް ޖެހިފައިވާކަމަކަށް ނުދައްކާ ކަމަށް ބައެއް މަސްހޫރު ކުޅިވަރު ނޫސްތަކުގައި ބުނެފައިވެއެވެ.

ނޫސްތަކުގެ މި ރިޕޯޓްތައް ބުނާގޮތުން ޔުއޭފަރގެ ރެފްރީސް ޕެނަލުން ވަނީ މި މެޗު އެނަލައިސްކޮށް ރެފްރީ އައިޓްކިންގެ ގޯސް ނިންމުތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.

އަދި މިކަމުގެ ސަބަބުން ގިނަ ރެފްރީންނަށާއި ޔުއޭފަރ އަށް ފާޑުކިޔުންތައް އަމާޒުވެފައިވާތީ ވީހާވެސް ރަނގަޅަށް މި ކަންތައް ނިންމުމަށް އެ އިދާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޖަރުމަނުގެ ކުޅިވަރު މީޑިއާ އެއް ކަމުގައިވާ ބިލްޑްގައި ޔޫއެފަރގެ އިސް އޮފިޝަލަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން ނިމިގެން ދިޔަ ސީޒަނުގައި ޖަރުމަނު ލީގުގައި އައިޓްކިން ރެފްރީކަން ކުރި މެޗުތަކުގައި ގިނަ ގޯސްތަކެއް ވަނީ ހަދާފައި ކަމަށާއި އެހެންކަމުން ޔޫއެފަރގެ މި ނިންމުމަކީ އޭނާގެ ޓްރެކް ރެކޯޑަށް ބަލާފައި ނިންމާ ނިންމުމެއް ކަމަށެވެ.

އެހެން ކަމުން މި ރިޕޯޓްތައް ބުނާގޮތުގައި ޔޫއޭފަރ އިން ނިންމާފައިވަނީ އައިޓްކިން އަށް މި ފަހަރު ޗެމްޕިއަންސް ލީގުގައި އިތުރު ބޮޑު މެޗެއްގެ ރެފްރީކަން ނުދިނުމަށެވެ. އަދި އޭނާ ޖަރުމަނު ލީގުގެ މެޗުތަކުގައި ރެފްރީކަން ކުރާ މެޗުތައް މޮނިޓަރ ކުރުމަށް ފަހު ޔުއެފަރގެ މެޗުތަކުން ކުރިއަށް އޮތްތަނުގައި ފުރުޞަތު ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ދުނިޔޭގެ މީޑިއާ ރިޕޯޓުތައް މިހެން ބުނަމުން ގެންދިޔަނަމަވެސް މިކަމާ ގުޅޭގޮތުން ޔޫއޭފަރ އިން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ
މިއަދު އޮންލައިން