ޕެރެގުއޭގެ ޤައުމީ ޓީމުގެ ކުރީގެ ކޯޗު ހާޓުއެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ.
މެކްސިކޯގެ ފުޓުބޯޅަ ކްލަބެއް ކަމަށްވާ ޕުއެބްލާގެ އެސިސްޓެންޓް ކޯޗުގެ މަޤާމުވެސް ފުރަމުން އަންނަ އެނިބަލް ރުއިޒްއަށް ހާޓް އެޓޭކެއް ޖެހިގެން މަރުވީ ޢުރުމުން 74 ގައެވެ. އަދި އޭނާއަށް ހާޓް އެޓޭކެއް ޖެހުނީ އިއްޔެ މެކުސިކޯ ލީގުގައި އޭނާގެ ޓީމު ކުޅެމުން ދިޔަ މެޗެއްގެ ތެރެއިންނެވެ.
މެކްސިކޯ ލީގުގައި އިއްޔެ ވެރަކްރުޒް އާއި ޕުއެބްލާ ބައްދަލު ކުރި މެޗުގެ މެޗުގެ މެދުތެރެއިން އޭނާ ހޭނެތިގެން ވެއްޓުމުން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިޔަނަމަވެސް އޭރު އޭނާ ވަނީ މަރުވެފައިކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
1976 ވަނަ އަހަރު ކޯޗިންގ ގެ ދާއިރާއަށް ވަން ރުއިޒްގެ ކެރިއަރގައި 2002 އިން 2006 ޕެރަގުއޭގެ ޤައުމީޓީމަށް ކޯޗުކަން ކޮށްދީފައިވާ އިރު، 2006ގެ ވަރލްޑް ކަޕުގައި ޕެރަގުއޭއަށް އިރުޝާދު ދީފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި 1992 ވަނަ އަހަރު އެލް ސަލްވަޑޯގެ ޤައުމީ ޓީމަށް އިރުޝާދުދީ 2005 ވަނަ އަހަރު ސައުތު އެމެރިކާގެ އެންމެ މޮޅު ކޯޗަށް ދޭ އެވޯޑްވެސް ރުއިޒް ވަނީ ޙާޞިލް ކޮށްފައެވެ.
ރުއިޒް މަރާއިގުޅިގެން އޭނާ އެންމެ ފަހުން މަސައްކަތް ކުރި ކްލަބު ޕުއެބްލޯއިން ނެރެފައިވާ ޚާއްޞަ ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ ޢާއިލާއަށް ތައުޒިޔާ ކިޔާ ކަމަށާއި މެކްސިކޯގެ ފުޓުބޯޅައަށް އޭނާ ކޮށްދިން ޚިދުމަތްތަކަށް ނިހާޔަތަށް ޝުކުރު އަދާކުރާ ކަމަށެވެ.