ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ވަރުގަދަ ބާސެލޯނާ ބަލިވިއިރު ރެއާލް ކުޅުނު މެޗުން އެޓީމު މޮޅުވެ ލީގުގެ އެއްވަނަ މަގާމަށް އަރައިފިއެވެ.
ރަށުން ބޭރުގައި ރޭ ޑިޕޯޓިވޯ ލަކަރޫނިޔާ އާއި ވާދަކޮށް ބާސެލޯނާ 1-2 ގެ ނަތީޖާއިން ބަލިވިއިރު ރެއާލް ރޭ މޮޅުވީ އަމިއްލަ ދަނޑުގައި، ރެއާލް ބެޓިސް އާއި ބައްދަލުކޮށް 1-2 ގެ ނަތީޖާއަކުންނެވެ.
ބާސާގެ ފަރާތުން ދައް ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ 40 ވަނަ މިނެޓްގައި ޖޮސެލޫ ވަނީ ގޯލެއް ކާމިޔާބުކޮށް ޑިޕޯޓިވޯއަށް ލީޑު ނަގާދީފައެވެ. ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު، ލުއިސް ސުއަރޭޒް ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ، ބާސާއަށް އެއްވަރުކޮށްދީފައެވެ.
އަނިޔާގެ ސަބަބުން ރޭގެ މެޗުގައި، ބާސާގެ އިތުބާރު ފޯވާޑް ނޭމާ ކުޅެފައިނުވާއިރު، މި މެޗުން ޑިޕޯޓިވޯ ތިން ޕޮއިންޓު ކަށަވަރުކުރި ގޯލު ކާމިޔާބުކުރީ މެޗުގެ 74 ވަނަ މިނެޓްގައި ބާގަންޓީނޯސް ގާސިއާއެވެ. އޭނާ މިގޯލް ޖަހާފައިވަނީ ކޯނަރަކުން ބޮލުން ގޯލެގެތެރެއަށް ފޮނުވާލައިގެންނެވެ.
މި ގޯލަށް ފަހުވެސް މުޅިން ހުސް ދެ ރުރުސަތެއް ޑިޕޯޓިވޯއަށް ވަނީ ލިބި ބޭކާރުވެގެން ގޮސްފައެވެ. ބާސާއަށް މި މެޗުގައި މާ ހުސްފުރުސަތެއް ލިބިފައެއް ނުވެއެވެ.
ލީގުގައި ބާސާ ދެން ބައްދަލުކުރާނީ ވެލެންސިއާއާއެވެ. ރެއާލް ނިކުންނާނީ އެތްލެޓިކް ބިލްބާއޯ އާއި ދެކޮޅަށެވެ.
މި ނަތީޖާއާ އެކު ބާސާ މިހާރު ވަނީ ތާވަލްގެ ދެވަނަ އަށް ވެއްޓިފައެވެ. އެޓީމު ދެވަނައަށް ވެއްޓުނީ ރޭ ރެއާލް މެޑްރިޑު އެޓީމު ކުޅުނު މެޗުން މޮޅުވުމުންނެވެ.
ރޭގެ މެޗު ރެއާލްއިން ކާމިޔާބުކުރި އިރު މެޗުގެ، ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ބެޓިސްއިންނެވެ. މި ގޯލަކީ މެޗުގެ 25 ވަނަ މިނެޓްގައި، ރެއާލްގެ ގޯލްކީޕަރު، ނަވާސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެކުރިން، ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ، ރީތި ގޯލެއް ޖަހާ ރެއާލްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މެޗުގެ 78 ވަނަ މިނެޓްގައި، ދެވަނަ ރީނދޫ ކާޑާއެކީ ބެޓިސްގެ ޕިޗިނީއަށް ރަތްކާޑު ދެއްކިއިރު، މި މެޗުން ރެއާލް މޮޅުވި ގޯލު، މެޗުގެ 81 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ރެއާލްގެ އިތުބާރު ޑިފެންޑަރު ސާޖިއޯ ރާމޯސްއެވެ. މިއީ މި ސީޒަނުގައި ރާމޯސް ކާމިޔާބުކުރި، 10 ވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ.
ރޭގެ މޮޅާއެކީ ރެއާލް ލީގުގެ އެއްވަނައިގައި އޮތީ، ދެވަނައިގައި އޮތް ބާސެލޯނާއަށް ވުރެ އެއް މެޗު މަދުންކުޅެ، 62 ޕޮއިންޓާއެކީގައެވެ. ބާސާ ލީގުގެ ދެވަނައިގައި އޮތީ 60 ޕޮއިންޓާއެކީގައެވެ. 57 ޕޮއިންޓާއެކީ ލީގުގެ ތިންވަނައިގައި، ސެވިއްޔާ އޮތްއިރު، 52 ޕޮއިންޓާއެކީ ލީގުގެ ހަތަރުވަނައިގައި އޮތީ، އެތްލެޓިކޯ މެޑްރިޑެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އާސެނަލްގެ މައްޗަށް 1-5 ގެ ނަތީޖާއަކުން ބަޔާން މިއުނިކުން ކުރި ހޯދައިފިއެވެ.
ބަޔާންގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 11 ވަނަ މިނެޓުގައި އާޔަން ރޮބެން ވަނީ ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ލީޑު ބަޔާންއަށް ނަގާދީފައެވެ.
މި ގޯލަށްފަހުވެސް ބަޔާންއިން ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 30 ވަނަ މިނެޓުގައި އާސެނަލްއަށް ވަނީ ޕެނަލްޓީއެއް ލިބިގެން ގޮސްފައެވެ. އެ ޕެނަލްޓީ ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ ދިފާއުކުރި ނަމަވެސް، ބޯޅަ ދެވަނަ ފަހަރަށް ލިބުނު ވަގުތު ގޯލުގެ ކަނަށް ފޮނުވާލައިގެން އެލެކްސިސް ސަންޗޭޒް ވަނީ މެޗުގެ ނަތީޖާ އާސެނަލްއަށް އެއްވަރުކޮށްދީފައެވެ.
މި ނަތީޖާގައި އޮވެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލިއިރު މެޗުގެ 53 ވަނަ މިނެޓުގައި ރޮބަޓް ލެވެންޑޯސްކީ ވަނީ ގޯލެއް ޖަހާ ދެވަނަ ފަހަރަށް ބަޔާންއަށް ލީޑުނަގާދީފައެވެ. އަދި އޭގެ ތިން މިނެޓްފަހުން ބަޔާންގެ ތިންވަނަ ގޯލު ތިއާގޯ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ 63 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީވެސް ތިއާގޯއެވެ.
ބަޔާން އިން މެޗުގައި ޖެހި ފަސްވަނަ ގޯލު މެޗުގެ 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ތޯމަސް މުލާއެވެ.
މި މެޗުން ތަފާތު ބޮޑުކޮށް އާސެނަލް ބަލިވުމުން އެޓީމަށް މުބާރާތުގެ ކުއާޓަރ ފައިނަލަށް ދިއުމަށް ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ރެއެވެ.
މި މުބާރާތުގައި ރެއާލް މެޑްރިޑާއި ނަޕޯލީ ރޭ ބައްދަލު ކުރި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބުކޮށްފަ
އިވަނީ ރެއާލް މެޑްރިޑެވެ. ރޭގެ މެޗުގައި ރެއާލް ގެ ލަނޑުތަށް ޖަހައިދިނީ ބެންޒެމާ، ޓޯނީ ކުރޫޒް، ކަސަމެއިރޯ އެވެ. ނަޕޯލީގެ ހަމަ އެކަނި ލަނޑު ޖަހައިދިނީ އިންސިގްނާ އެވެ.