ޔޫރަޕުގެ ބޮޑެތި ކުލަބުތަކަކަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ ގާނާގެ ތަޖުރިބާކާރު މިޑްފީލްޑަރ މައިކަލް އެސިއަން އިންޑޮނީޝިއާގެ ޕާސިބް ބަންޑުން އަށް ސޮއިކޮށްފި އެވެ.
ޗެލްސީއަށްވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ އުމުރުން 34 އަހަރުގެ އެސިއެން އަކީ އިންޑޮނީޝިއާގެ ކްލަބަކަށް ސޮއިކުރި އެންމެ ހައި ޕްރިފައިލް ކުޅުންތެރިޔާ އެވެ.
އިންޑޮނީޝިއާ ލީގު ޗެމްޕިއަންކަން 2014 ވަނަ އަހަރު ހޯދި ޕާސިބް އަށް މައިކަލް އެސިއަން ސޮއިކޮށްފައިވާއިރު އޭނާ އެޓީމަށް ސޮއިކޮށްފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.
ޕާސިބާ އެކު އެއް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އެސިއެން ބުނީ އިންޑޮނީޝިއާ ލީގަށް ދުނިޔޭގެ މަޝްހޫރު ކުޅުންތެރިން ގެނައުމަށް އެހީވާން ބޭނުންވާ ކަމަށާއި މިއީ އިންޑޮނީޝިއާ އާއި ޕާސިބަށް ރަނގަޅު ފެށުމަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
އެގޮތުން ޕާސިބާއަށް އައުމުގެ ފުރުސަތު ދިނީތީ ޝުކުރުއަދާކުރާ ކަމަށާއި އަދި އެ ފުރުސަތު ލިބުމުން ވަރަށް އުފާވާކަމަށްވެސް އެސިއެން ބުންޏެވެ.
2000 ވަނަ އަހަރު ކެރިއަރު ފެށި އެސިއެން ޗެލްސީއަށް ބަދަލުވެފައިވަނީ 2005 ވަނަ އަހަރު ފްރާންސްހެ ބަސްޓިއާއިންނެވެ. އެގޮތުން އެސިއަން ވަނީ ޗެލްސީ އަށް ނުވަ އަހަރު ހޭދަކޮށްފައެވެ.
އެގޮތުން އޭނާ ވަނީ އެ ޓީމާ އެކު ޗެމްޕިއަންސް ލީގު އެއް ފަހަރު އަދި ޕްރިމިއާ ލީގު ދެ ފަހަރު ކާމިޔާބުކޮށްފަ އެެވެ. މީގެ އިތުރުން އެފްއޭ ކަޕް ހަތަރު ފަހަރު އަދި ލީގު ކަޕް އެއް ފަހަރު ކާމިޔާބުކުރި އެވެ.
ގާނާގެ ގައުމީޓިމަށްވެސް ގިނަ މެޗުތަކެއް ކުޅެފައިވާ އެސިއަން ވަނީ ރެއާލް މެޑްރިޑާއި އިޓަލީގެ އޭސީ މިލާނަށް ވެސް ކުޅެފައެވެ. އޭނާ އެންމެ ފަހުން ކުޅެފައިވަނީ ގްރީސްގެ ޕެނެތަނައިކޮސް އަށެވެ.
ޔޫރަޕުގެ މަތީ ފަންތީގައި ކުޅުމަށް ފަހު ރިޓަޔާކުރާ ކުޅުންތެރިން ދުނިޔޭގެ ދަން ފަންތީގެ އެކިއެކި ގައުމުތަކުގެ ކުލަބުތަކަށް ބަދަލުވުން ވަނީ މިހާރަކަށް އައިސް އާންމުކަމަކަށްވެފައެވެ. މަތީފަންތީގެކުޅޫންތެރިންއެންމެ ގިނައިން ގުޅެނީ އެމެރިކާގެ މޭޖާ ލީގާ ޗައިނާގެ ސުޕަލީގުގެ އިތުރުން އިންޑިއާގެ ސުޕަލީގަށެވެ.
އެގޮތުން ދާދިފަހުންވެސް ބްރެޒިލްގެ އޮސްކާ އާއި އިޓަލީގެ ގްރަޒިއާނޯ ޕެއްލޭ އަދި އާޖެންޓީނާގެ ކާލޯސް ޓެވޭޒް ފަދަ ކުޅުންތެރިން ވަނީ ބޮޑު އަގުގައި ޗައިނާ ލީގަށް ބަދަލުވެފައެވެ.