އަންނަ އަހަރު ރަޝިއާގައި ބާއްވާ ވަރލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވި ޓީމުގެ މަޤާމް ބްރެޒިލުން ހޯދައިފިއެވެ.
އެޓީމުން އެ މަޤާމު ހޯދީ އަމިއްލަ ދަނޑުގައި ޕެރަގުއޭ އަތުން 3-0 އިން ހޯދި މޮޅާ އެކުއެވެ. އެ ޤައުމުން ވަރލްޑް ކަޕަށް ކޮލިފައި ވީ ދެކުނު އެމެރިކާގެ ކޮލިފައިންގައި ބާކީ 4 މެޗު އޮއްވައެވެ.
އެހެންކަމުން 14 މެޗުން 33 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގާ މިވަގުތު އޮތް ބްރެޒިލަށް ބާކީ ހުރި މެޗުތަކުން ކޮންމެ ނަތީޖާއެއް ނުކުތަސް ގަދަ ހަތަރަކުން އެ ޤައުމަށް ޖާގަ ނުގެއްލޭނެއެވެ.
ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ މިއީ ފާއިތުވި އަހަރުތަކުގައި އެޓީމަށް ގިނަ ފާޑުކިޔުންތައް އަމާޒުކުރި ފަރާތްތަކަށް ދެވުނު މެސެޖެއް ކަމަށެވެ.