ރޮބަޓް ލެވެންޑޯސްކީ ކާމިޔާބުކުރި ހެޓްރިކާއެކީ އެފްސީ އައުގްސްބާގްގެ މައްޗަށް ތަފާތު ބޮޑުކޮށް ކުރި ހޯދައި ޖަރުމަނު ލީގު ހޯދުމާއި ގާތަށް ބަޔާން މިއުނިކުން ޖެހިލައިފިއެވެ.
ރޭ އެފްސީ އައުގްސްބާގްއާ ދެކޮޅަށް ކުޅުނު މެޗު ބަޔާން އިން ކާމިޔާބުކުރީ 0-6 ގެ ނަތީޖާއިންނެވެ.
ބަޔާންގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ، ފުރަތަމަ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 17 ވަނަ މިނެޓްގައި ރޮބަޓް ލެވެންޑޯސްކީއެވެ. ބަޔާންގެ ދެވަނަ ގޯލު މެޗުގެ ފުރަތަމަ ހާފް ނިމެންދަނިކޮށް މެޗުގެ 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތޯމަސް މުލާއެވެ.
ދެ ގޯލުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ބަޔާންއިން ނިންމާލިއިރު ބަޔާންގެ ތިންވަނަ ގޯލު މެޗުގެ 55 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލެވެންޑޯސްކީއެވެ. އަދި އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ 62 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ތިއާގޯއެވެ. އަދި މެޗުގެ 79 ވަނަ މިނެޓްގައި ބަޔާންގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީ ލެވެންޑޯސްކީ ވަނީ އޭނާގެ ހެޓްރިކް މި މެޗުގައި ފުރިހަމަކޮށްފައެވެ. ބަޔާންގެ ހަވަނަ ގޯލު މެޗުގެ 80 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ތޯމަސް މުލާއެވެ.
ރޭގެ މެޗުގައި ކާމިޔާބުކުރި ތިން ގޯލާއެކީ، ލީގުގައި ލެވެންޑޯސްކީ ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 24 އަށް އަރާފައެވެ.
ރޭގެ މި މޮޅާއެކީ 13 ޕޮއިންޓުގެ ލީޑަކާއެކު ބަޔާން މިހާރު އޮތީ ލީގުގެ އެއްވަނައިގައި 65 ޕޮއިންޓާއެކީގައެވެ. ދެވަނައިގައި 52 ޕޮއިންޓާއެކީ ރެޑްބުލް ލީޕްޒެގް އޮތްއިރު ތިންވަނައިގައި 48 ޕޮއިންޓާއެކީ އޮތީ ހޮފެންހެއިމްއެވެ. ލީގުގައި ބަޔާން އަށް ބާކީ ދެން އޮތީ އެންމެ 8 މެޗެވެ.
ބަޔާން އަކީ އެންމެ ގިނަފަހަރު ޖަރުމަން ލީގު ކާމިޔާބުކޮށްފައިވާ ޓީމެވެ. އަދި ވޭތުވެދިޔަ ހަތަރު އަހަރުވެސް ޖަރުމަނު ލީގު ކާމިޔާބުކޮށްފައިވަނީ ބަޔާންއިންނެވެ.