ހަޒާޑްގެ ދެ ގޯލުން ޗެލްސީން ސިޓީގެ މައްޗަށް ކުރި ހޯދައިފި.

ކިޔުމަށް ހޭދަވާނީ 1މ 37ސ
ހަޒާޑްގެ ދެ ގޯލުން ޗެލްސީން ސިޓީގެ މައްޗަށް ކުރި ހޯދައިފި.


އެޑެން ހަޒާޑް ކާމިޔާބުކުރި ދެ ލަނޑުން 1-2 ގެ ނަތީޖާއިން މެންޗެސްޓަރ ސިޓީގެ މައްޗަށް ޗެލްސީން ކުރި ހޯދައިފިއެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ވެސް ޗެލްސީންނެވެ. މި ލަނޑު މެޗުގެ 10 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އެޑެން ހަޒާޑްއެވެ.

ޗެލްސީން ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގުމާއިއެކު ސިޓީން ކުޅުން ވަރުދަގަ ކުރިއިރު މެޗުގެ 26 ވަނަ މިނެޓްގައި ސާޖިއޯ އަގުއެރޯ ވަނީ ލަނޑެއްޖަހާ ސިޓީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެކުރިން ހަޒާޑް ވަނީ ޗެލްސީއަށް ދެވަނަ ފަހަރަށް މެޗުގެ ލީޑުނަގާދީފައެވެ.

ޗެލްސީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފް މުޅިންހެން ގޮތަކަށް، ޑޮމިނޭޓްކޮށްގެން ކުޅެމުންދިޔައީ ސިޓީންނެވެ. އަދި ނަތީޖާ އެއްވަރުކޮށްލަން ވެސް، ރަނގަޅު ފުރުސަތުތަކެއް ސިޓީން ވަނީ މި ހާފުގައި ލިބިގެންގޮސްފައެވެ. އެގޮތުން ކޮމްޕެނީ ބޮލުން ފޮނުވާލި ހަމަލާއެއް ޗެލްސީގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު މެޗުގެ ފަހުވަގުތުކޮޅުތެރޭ ޖޯން ސްޓޯންސްއަށް ވަނީ މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވެގެންގޮސްފައެވެ.

ރޭގެ މޮޅާއެކީ ލީގުގެ އެއްވަނައިގައި، ޗެލްސީ މިހާރު އޮތީ 72 ޕޮއިންޓާއެކީގައެވެ. ދެވަނައިގައި 65 ޕޮއިންޓާއެކީ ޓޮޓެންހަމް އޮތްއިރު، ލީގުގެ ތިންވަނައިގައި 60 ޕޮއިންޓާއެކީ އޮތީ ލިވަޕޫލްއެވެ. ޗެލްސީ އަތުން ރޭ ބަލިވި ސިޓީ އޮތީ، 58 ޕޮއިންޓާއެކީ ލީގުގެ ހަތަރުވަނައިގައެވެ.

ރޭގެ މެޗަށްފަހު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ސިޓީގެ މައްޗަށް ކުރި ހޯދުނީ ކުޅުންތެރިންގެ ހިއްވަރުން ކަމަށާއި މީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

" އަހަރެމެންގެ މި ކާމިޔާބީއަކީ ކުޅުންތެރިންގެ ގަދަ ހިއްވަރުން ލިބުނު ކާމިޔާބީއެއް. މީ ރަނގަޅު ކާމިޔާބީއެއް." ކޮންޓޭ ބުންޏެވެ. ލީގުގައިޗެލްސީދެންބައްދަލުކުރާނީބޯންމަތްއާއެވެ.

މިއަދު އޮންލައިން