ބާސާ އާއި ރެއާލް މެޑްރިޑު ފަސޭހަކަމާ އެކު މޮޅުވެއްޖެ.

ކިޔުމަށް ހޭދަވާނީ 1މ 56ސ
ބާސާ އާއި ރެއާލް މެޑްރިޑު ފަސޭހަކަމާ އެކު މޮޅުވެއްޖެ.

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ފަސޭހަކަމާއެކީ ބާސެލޯނާ އާއި ރެއާލް މެޑްރިޑު މޮޅުވެއްޖެއެވެ.
ރެއާލް ރޭ މޮޅުވީ ލެގާނޭސް އާއި ބައްދަލުކުރި މެޗުން 2-4 ގެ ނަތީޖާއަކުންނެވެ.

ލެގާނޭސްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ރެއާލްގެ މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގެރެތް ބޭލްގެ އިތުރުން، ޓޯނީ ކްރޫސް ކުޅެފައެއް ނުވެއެވެ. މި ތިން ކުޅުންތެރިން ރޭގެ މެޗުގައި ކުޅެފައި ނުވަނީ ކީއްވެކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ރޭގެ މެޗުގައި ރެއާލްއިން ރަނގަޅު ކުޅުމެއް ދެއްކިއިރު އެޓީމުގެ ފުރަތަމަ ގޯލު 15 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ހަމޭސް ރޮޑްރިގޭޒްއެވެ. އަދި އޭގެ ތިން މިނެޓްފަހުން ރެއާލްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާ ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 23 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް މޮރާޓާއެވެ.

މެޗުގެ ފުރަތަމަ ހާފް ނިންމާލުމާއި ގާތަށް ގޮސްފައި ވަނިކޮށް ލެގާނޭސްއިން ވަނީ ފުރަތަމަ ހާފް ނިމުމުގެކުރިން ދެ ގޯލު ކާމިޔާބުކޮށް ފަރަގު ކުޑަކޮށްފައެވެ. މިދެގޯލުލެގާނޭސްއަށް ކާމިޔާބުކޮށްދިނީ ޕިރޭސް އާއި ނެވާސްއެވެ.

ރެއާލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު މޮރާޓާ ވަނީ ރެއާލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ، އޭނާގެ ހެޓްރިކް މި މެޗުގައި ފުރިހަމަކޮށްފައެވެ. ރޭގެ މެޗުގައި ކާމިޔާބުކުރި ތިން ގޯލާއެކީ މި ސީޒަނުގައި މޮރާޓާ ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ، 15 އަށް އަރާފައެވެ.

ބާސާ ރޭ މޮޅުވީ އަމިއްލަ ދަނޑުގައި ސެވިއްޔާ އާއި ބައްދަލުކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

ބާސާގެ ފަރާތުން ރޭގެ މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 25 ވަނަ މިނެޓްގައި ކާމިޔާބުކޮށް ލީޑު ނަގައިދިނީ ލުއިސް ސުއަރޭޒްއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެކުރިން ލިއޮނަލް މެސީ ވަނީ ބާސާއަށް އިތުރު ދެ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މީ މެސީ މިފަހަރުގެ ސީޒަނުގައި ކާމިޔާބުކުރި 27 ވަނަ ގޯލެވެ.ދެވަނަ ހާފްގައި އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

ރޭގެ މޮޅާއެކީ ލީގުގެ އެއްވަނައިގައި ރެއާލް މިހާރު އޮތީ 71 ޕޮއިންޓާއެކީގައެވެ. ރެއާލްއަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން، 69 ޕޮއިންޓާއެކީ ލީގުގެ ދެވަނަގައިގައި ބާސާ އޮތްއިރު، ތިންވަނައިގައި 61 ޕޮއިންޓާއެކީ އޮތީ އެތްލެޓިކޯ މެޑްރިޑެވެ.

މިއަދު އޮންލައިން