ހިގުއައިން ކާމިޔާބުކޮށްދިން ދެ ގޯލުން މޮޅުވެ ޔުވެންޓަސް އިޓާލިއަން ކަޕްގެ ފައިނަލަށް
އިޓާލިއަން ކަޕްގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި ރޭ ނަޕޯލީ އަތުން ބަލިވި ނަމަވެސް، އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެން މުބާރާތުގެ ފައިނަލަށް ޔުވެންޓަސް ދަތުރުކޮށްފިއެވެ.
ރޭގެ މެޗުން ޔުވެންޓަސް ނަޕޯލީއަތުން ބަލިވެފައިވަނީ 2-3 ގެ ނަތީޖާއިންނެވެ.
މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ޔުވެންޓަސްއިންނެވެ. އެހެންކަމުން މުބާރާތުގެ ފައިނަލަށް ޔުވެންޓަސް ދަތުރުކުރީ، 4-5 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ނަޕޯލީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 32 ވަނަ މިނެޓްގައި ގޮންޒާލޯ ހިގުއައިން ވަނީ ގޯލެއް ކާމިޔާބުކޮށް ޔުވެންޓަސްއަށް މެޗުގެ ލީޑުނަގާދީފައެވެ. ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު މަރެކް ހަމްސިކް ވަނީ ގޯލެއް ކާމިޔާބުކޮށް ނަޕޯލީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގައި ދެވަނަ ފަހަރަށް ލީޑުނެގީ ވެސް ޔުވެންޓަސްއިންނެވެ. މި ގޯލު މެޗުގެ 58 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން ގޮންޒާލޯ ހިގުއައިންނެވެ. ނަޕޯލީގެ ދެވަނަ ގޯލު މެޗުގެ 61 ވަނަ މިނެޓްގައި މާޓެންސް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަހު ގޯލު މެޗުގެ 67 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލޮރެންޒޯ އިންސިންޔޭއެވެ.
އިޓާލިއަން ކަޕްގެ އެއްމެ ފަހުގެ ޗެމްޕިއަނުން ކަމުގައިވާ ޔުވެންޓަސް ފައިނަލަށް ދަތުރުކޮށްފައިވާއިރު މުބާރާތުގެ ފައިނަލްގައި އެޓީމު ބައްދަލުކުރާނީ ލާޒިޔޯއާއެވެ. ފައިނަލް މެޗު އޮންނާނީ އަންނަ ޖޫން މަހުގެ ދެވަނަ ދުވަހުއެވެ.