ހެރީ ކޭން އަނިޔާއަށް ފަހު ޓޮޓެންހަމްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

ކިޔުމަށް ހޭދަވާނީ 56ސ
ހެރީ ކޭން އަނިޔާއަށް ފަހު ޓޮޓެންހަމްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި
ލިބުނު އަނިޔާއިން ރަނގަޅުވެ ޓޮޓެނަހަމްގެ އިތުބާރު ފޯވާޑް ހެރީ ކޭން، އެކުލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

ކޭންއަށް ލިބުނު އަނިޔާއިން ރަނގަޅުވެ، ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވާއިރު އޭނާ އަނިޔާއިން މުޅިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އަންނާނެ ކަމަށް ބެލެވިފައިވަނީ އަންނަ މަހުގެ މެދުތެރޭހިސާބުގައެވެ.

އެ މުއްދަތަށް ވުރެ ކުރިން އަނިޔާއިން ރަނގަޅުވެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވީނަމަވެސް ލީގުގައި މިއަދު ހަވީރު ވޮޓްފޯޑް އާއި ދެކޮޅަށް ޓޮޓެންހަމްއިން ކުޅޭ މެޗުގައި ކޭން އަށް ކުޅެވޭނެ ކަމުގެ އުންމީދު ކުޑަކަމަށް އިނގިރޭސި މީޑިއާއިން ބުނެއެވެ. އަދި ކޭންއަށް އެންމެ އަވަހަށްވެސް ކުޅެވޭނެ ކަމަށް ބެލެވިފައިވަނީ އެފްއޭކަޕްގެ ސެމީފައިނަލްގައި ޗެލްސީ އާއި ދެކޮޅަށް ޓޮޓެންހަމް ކުޅޭ މެޗުގައެވެ.

ކޭންއަށް އަނިޔާވީ މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު އިނގިރޭސި އެފްއޭކަޕްގައި މިލްވޯލްއާ ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗުގައެވެ.

މިފަހަރުގެ ސީޒަންގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ކޭން ވަނީ ޓޮޓެންހަމްއަށް މިހާތަނަށް ކުޅެދިން،29 މެޗުގައި 24 ގޯލު ކާމިޔާބުކޮށްދީފައެވެ. ޓޮޓެންހަމް މިވަގުތު އޮތީ، 65 ޕޮއިންޓާއެކީ ލީގުގެ ދެވަނައިގައެވެ.
މިއަދު އޮންލައިން