ރަޝިއާގައި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ވީޑިއޯ ޓެކްނޮލޮޖީ ބޭނުންކުރާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.
މިކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން އިންފަންޓީނޯ ވިދާޅުވީ އަންނަ އަހަރުގެ ވަރލްޑްކަޕްގައި ވީޑިއޯ ޓެކްނޮލޮޖީ ބޭނުން ކުރާނެ ކަމަށާއި މިކަމަށް މިހާތަނަށް ބޮޑު ތަރުހީބެއްވެސް ލިބިގެން ގޮސްފައިވާ ކަމަށެވެ.
އަންނަ އަހަރުގެ ވަރލްޑްކަޕް މުބާރާތަކީ ވީޑިއޯ ޓެކްނޮލޮޖީ ބޭނުންކުރާނެ ފުރަތަމަ ވަރލްޑްކަޕަށެވެ.
"ވީޑިއޯ ޓެކްނޮލޮޖީ ވޯލްޑްކަޕްގައި ބޭނުންކުރަން މަސައްކަތް ކުރަމުން މިދަނީ. މިކަމަށް މިހާތަނަށް ބޮޑު ތަރުހީބެއްވެސް ވަނީ ލިބިގެން ގޮސްފައި" އިންފަންޓީނޯ ވިދާޅުވިއެވެ.
އަންނަ އަހަރު ތަޢާރަފްކުރުމަށް ތައްޔާރުވަމުން އަންނަ ވީޑިއޯ ޓެކްނޮލޮޖީގެ އެހީ ހަމައެކަނި ބޭނުންކުރާނީ އޮފްސައިޑް ނިންމުންތަކަށާއި އޮޅިގެން ނުބައި ކުޅުންތެރިއަކަށް ކާޑު ދެއްކުމާއި ރަތްކާޑުތަކަށާއި ޕެނަލްޓީތަކަށެވެ.
ވީޑިއޯ ޓެކްނޮލޮޖީ އެންމެ ފުރަތަމަ ބޭނުން ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސްޕެއިން އާއި އިޓަލީ ބައްދަލުކުރި އެކުވެރިކަމުގެ މެޗެއްގައެވެ. އެއަށްފަހު އެންމެފަހުން ބޭއްވި ފީފާ ކްލަބް ވަރލްޑްކަޕްގައިވެސް މި ޓެކްނޮލޮޖީ ބޭނުންކޮށްފައިވެއެވެ.
މީގެއިތުރުން މިދިޔަ މަހުގެ ފަހުކޮޅު ފްރާންސް އާއި ސްޕެއިން ބައްދަލުކުރި މެޗުގައިވެސް މި ޓެކްނޮލޮޖީ ބޭނުންކޮށްފައިވާއިރު އެ މެޗުން ސްޕެއިން މޮޅުވީ، މި ޓެކްނޮލޮޖީގެ އެހީގައި ނިންމި ބައެއް ނިންމުންތަކާއެކުގައެވެ.
މި ޓެކްނޮލޮޖީ ބައެއް ލީގުތަކުގައި މިހާރުވެސް ޓެސްޓު ކޮށްފައިވާއިރު، އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަނުން ފެށިގެން ބައެއް ލީގުތަކާއި ކަޕް މުބާރާތްތަކުގައިވެސް މި ޓެކްނޮލޮޖީ ބޭނުންކުރަން ވިސްނަމުންދާ ކަމުގައި އިންފަންޓީނޯ ވަނީ ވިދާޅުވެފައެވެ.
ފީފާއިން އަންނަނީ ފުޓްބޯޅައިގެ ބައެއް ޤަވާޢިދު ތަކަށްވެސް ބަދަލު ތަކެއް ގެންނަން މަސައްކަތް ކުރަމުންނެވެ.