ޖަރުމަންގެ ޗެމްޕިއަން ބަޔާން މިއުނިކްއަށް ކުޅެމުން އަންނަ ސްޕެއިން މިޑްފީލްޑަރ ތިއާގޯ އެކުލަބުގެ އެއްބަސްވުން އާކޮށްފިއެވެ.
ބަޔާންގައި މިހާރުވެސް މުހިންމު ދައުރެއް އަދާކުރަމުންގެންދާ ތިއާގޯ، ބަޔާންގެ އެއްބަސްވުން އާކޮށްފައިވަނީ 2021 ވަނަ އަހަރާއި ހަމައަށެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިޔަށް އޮތް ހަތަރު އަހަރު އެ ކްލަބުގައި އޭނާ މަޑުކުރާ އިރު، އެކުލަބާއިއެކު އޭނާ މިހާރު ހަދާފައިވާ ބަޔާންއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން ބާކީ ދެ އަހަރު އެބައޮތެވެ.
ބަޔާންގެ އެއްބަސްވުނުގައި ސޮއިކުރުމަށް ފަހު ވާހަކަދައްކަމުން ތިއާގޯ ބުނީ އޭނާ އާއި އޭނާގެ އާއިލާވެސް ޖަރުމަނުގައި މިހުރީ އުފަލުން ކަމަށާއި ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަށް ކަމަށެވެ.
"އަހަރެން މިހުރީ ވަރަށް އުފަލުން. އަހަރެންގެ ބޭނުންވަނީ، ކުރިއަށް އޮތް ތަނުގައި ބަޔާންއާއެކު، ގިނަ ކާމިޔާބީތަކެއް ހޯދަން" ތިއާގޯ ބުންޏެވެ.
އުމުރުން 26 އަހަރުގެ ތިއާގޯ ބަޔާނަށް ބަދަލުވީ، 2013 ވަނަ އަހަރު ސްޕެއިންގެ ބާސެލޯނާއިން، 21.6 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭނާއަކީ ބަޔާންގެ މެދުތެރޭގައި އެންމެ މުހިއްމު ދައުރެއް އަދާކުރަމުންދާ އެއް ކުޅުންތެރިއާއަށެވެ.
ބާސާއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ތިއާގޯ ވަނީ ބަޔާންއާއެކު މިހާތަނަށް ތިން ފަހަރެއްގެ މަތިން ޖަރުމަނު ލީގާއި ދެ ފަހަރެއްގެ މަތިން، ޖަރުމަނު ކަޕް ކާމިޔާބުކޮށްފައެވެ.