އިޓާލިއަން ލީގުގައި ރޭ އެޓަލާންޓާ އާއި ވަރުގަދަ ޔުވެންޓަސް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.
ރޭ މި ދެޓީމު ބައްދަލުކުރި މެޗު ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.
އެޓަލާންޓާގެ އަމިއްލަ ދަނޑުގައި ރޭ، ކުޅުނު މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނަގާފައިވަނީ ވެސް އެޓީމުންނެވެ. މި ގޯލު ފުރަތަމަ ހާފްގެ، ފަހު މިނެޓްގައި އެޓަލާންޓާއަށް ކާމިޔާބުކޮށްދިނީ، އަންދްރޭ ކޮންޓީއެވެ.
އެޓަލާންޓާ ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު، ޔުވެންޓަސްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލަކީ އެޓަލާންޓާގެ، ސްޕިނަޒޮލާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ޔުވެންޓަސްއިން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގީ މެޗުގެ 83 ވަނަ މިނެޓްގައި، ޑެނިއަލް އަލްވޭސް ކާމިޔާބުކުރި ލަނޑުންނެވެ.
އަލްވޭސްގެ ގޯލާއެކީ ޔުވެންޓަސް ލީޑުގައި އޮވެ މޮޅުވާން ދަނިކޮށް މެޗުގެ 89 ވަނަ މިނެޓްގައި، ރެމޯ ފްރެޔުލާ ވަނީ ލަނޑެއްޖަހާ އެޓަލާންޓާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި، ޔުވެންޓަސް މިހާރު އޮތީ، 84 ޕޮއިންޓާއެކީގައެވެ. ދެވަނައިގައި ޔުވެންޓަސްއަށް ވުރެ، އެއް މެޗު މަދުންކުޅެ، 75 ޕޮއިންޓާއެކީ ރޯމާ އޮތްއިރު، ތިންވަނައިގައި 71 ޕޮއިންޓާއެކީ އޮތީ ނަޕޯލީއެވެ. ލީގުގެ ހަތަރުވަނައިގައި، 64 ޕޮއިންޓާއެކީ އޮތީ ލާޒިޔޯއެވެ.
ލީގުގެ އެއްވަނައިގައި ނުވަ ޕޮއިންޓްގެ ލީޑަކާއެކީ، ޔުވެންޓަސް މިވަގުތު އޮތްއިރު، ލީގުގައި އެޓީމަށް ދެން ބާކީ އޮތީ އެންމެ ހަތަރު މެޗެވެ. އިޓާލިއަން ލީގު ފާއިތުވި، ފަސް އަހަރުގެ ޗެމްޕިއަން އަކީވެސް ޔުވެންޓަސްއެވެ.
ޔުވެންޓަސް ވަނީ މިފަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށްވެސް ދަތުރުކޮށްފައެވެ.