ލުއިސް ސުއަރޭޒް ކާމިޔާބުކުރި ދެ ގޯލުން މޮޅުވެ ލީގުގެ އެއްވަނަ މަގާމަށް ބާސާ ޖެހިލައިފި
ލުއިސް ސުއަރޭޒް ކާމިޔާބުކޮށްދިން ދެ ގޯލުން މޮޅުވެ ސްޕެނިޝް ލީގުގެ އެއްވަނަ މަގާމަށް އަނެއްކާވެސް ބާސާ ޖެހިލައިފިއެވެ.
ބާސާ ރޭ މޮޅުވީ އެސްޕަނިޔޯލް އާއި ބައްދަލުކުރި މެޗު 0-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
ރޭގެ މި މޮޅާއެކީ 81 ޕޮއިންޓާއެކީ ލީގުގެ އެއްވަނައިގައި ބާސާއޮތް އިރު ދެވަނައިގައި އޮތް ރެއާލްއަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ބާސާއަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. ނަމަވެސް ބާސާ އެއްވަނައިގައި އޮތީ، ރެއާލްއަށް ވުރެ އެއް މެޗު، އިތުރަށް ކުޅެގެންނެވެ.
ރޭ އެސްޕަނިޔޯލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ ދެޓީމުންކުރެ ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެ އޮވެގެންނެވެ.
ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައިނުވިނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ބާސާއިން ވަނީ ގޯލެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ.
އެސްޕަނިޔޯލްގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލު، ބާސާއަށް ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒްއެވެ.
ބާސާއިން އެޓީމުގެ ދެވަނަ ގޯލް ޖަހާ މެޗުގެ ލީޑު ފުޅާކުރީ 76 ވަނަ މިނެޓުގައި މެސީ ދިން ޕާހަކުން އިވާން ރަކިޓިޗްއެވެ. އެޓީމުގެތިންވަނަގޯލު،މެޗުގެ87 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ލުއިސް ސުއަރޭޒްއެވެ. ރޭގެ މެޗުގައި ކާމިޔާބުކުރި ދެ ގޯލާއެކީ ލީގުގައި ސުއަރޭޒް ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 26 އަށް އަރާފައެވެ.
ލީގުގެ އެއްވަނައިގައި ބާސާ މިވަގުތު އޮތް ނަމަވެސް، ލީގުގައި ރެއާލްއަށް ބާކީ އޮތް ހަތަރު މެޗުން، އެޓީމު މޮޅުވެއްޖެނަމަ ލީގު ޗެމްޕިއަންކަން ރެއާލްއަށް ލިބޭނެއެވެ.