ޢަބްދުލްޙާއްނާނު
ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ފަހުވަގުތު މާސެލޯ ކާމިޔާބުކުރި ލަނޑުން 1-2 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.
ރޭގެ މޮޅާއެކީ ރެއާލް އޮތީ 81 ޕޮއިންޓާއެކީ ލީގުގެ ދެވަނައިގައެވެ.އެއްވަނައިގައި އޮތް ބާސާއަށް ވެސް، ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އެޓީމަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. ނަމަވެސް ބާސާ އެއްވަނައިގައި އޮތީ، ރެއާލްއަށް ވުރެ އެއް މެޗު، އިތުރަށް ކުޅެގެންނެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ވެލެންސިއާގެ ސަންޓި މީނާއަށް ވަނީ ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެގެން ގޮސްފައެވެ.
މީގެއިތުރުން ގޯލްޖަހާނެ މުޅިން ހުސް ފުރުސަތެއް ވެލެންސިއާގެ މިޑްފީލްޑަރު ފަބިއަން އޮރެލާނާއަށްވެސް ވަނީ ލިބި ބޭކާރުވެގެން ގޮސްފައެވެ.
ގޯލްޖަހަން ވެލެންސިއާއަށް، ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 27 ވަނަ މިނެޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑުޖަހާ ރެއާލްއަށް ލީޑު ނަގައިދިނުމެވެ. މިއީ ލީގުގައި ރޮނާލްޑޯ ކާމިޔާބުކުރި 20 ވަނަ ގޯލެވެ.
މެޗުގެ 54 ވަނަ މިނެޓްގައި، ރެއާލްއަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިގެން ގޮސްފައެވެ. އެހެން ނަމަވެސް ރޮނާލްޑޯ ފޮނުވާލި އެ ޕެނަލްޓީ ވަނީ ވެލެންސިއާގެ ގޯލް ކީޕަރު އަލްވޭސް ދިފާއުކޮށްފައެވެ.
ނަތީޖާއަކަށް ވީ ވެލެންސިއާއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރުމެވެ. މި ލަނޑު އެޓީމުން ޖަހާފައިވަނީ މެޗުގެ 82 ވަނަ މިނެޓްގައި ލިބުނު ހިލޭޖެހުމަކުން ޕަރޭހޯއެވެ.
މި މެޗުން ރެއާލް މޮޅުވި ލަނޑު 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި މޮޅުކުޅުމެއް ދެއްކި މާސެލޯއެވެ.
ރޭގެ މެޗު ކާމިޔާބުކޮށް މަގާމު ދެމެހެއްޓިއިރު ލީގުގައި ރެއާލްއަށް ދެން ބާކީ އޮތީ ހަތަރު މެޗެވެ. އެ ހަތަރު މެޗުން މޮޅުވެއްޖެނަމަ ރެއާލްއަށް ސްޕެނިޝް ލީގު ކަށަވަރުވާނެއެވެ. އެގޮތުން ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ ގްރެނާޑާއާއެވެ.