އިބްރަހިމޮވިޗުގެ ކަކުލު ހުޅުގެ އޮޕަރޭޝަން ކާމިޔާބު: އޭޖެންޓް

ކިޔުމަށް ހޭދަވާނީ 1މ 22ސ
އިބްރަހިމޮވިޗުގެ ކަކުލު ހުޅުގެ އޮޕަރޭޝަން ކާމިޔާބު: އޭޖެންޓް

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުންއަންނަ ސްވިޑަންގެ ފޯވާރޑް ޒަލަޓާން އިބުރަހިމަވިޗްގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާ އާއިގުޅިގެން ކުރި އޮޕަރޭޝަން ކާމިޔާބުކަމަށް އޭނާގެ އެޖެންޓް މިނޯ ރައިއޯލާ ބުނެފި އެވެ.

އޭނާގެ އޭޖެންޓް ރައިއޯލާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގައި ކުރިއަށް ގެންދިޔަ އިބްރަހިމޮވިޗުގެ ކަކުލުގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި ވަރަށް އަވަހަށް އެނބުރި ކުޅުމުގެ ތެރެއަށް އަންނާނެކަމަށެވެ. އަދި އޭނާ ސަތޭކަ ޕަސެންޓް ފިޓްވާނެ ކަމަށާއި އޭނާއަށް ކެރިއަރު ނިންމާލަން ޖެހޭ ފަދަ އަނިޔާއެއް ކުރިމަތިނުވާ ކަމަށެވެ.

އަންނަ އަހަރު ޖެނުއަރީ ނުވަތަ ފެބުރުއަރީ މަހުގެ ތެރޭގައި އެނބުރި ކުޅުމަށް އާދެވޭވަރުވާނެ ކަމަށާއި އެމެރިކާގެ ޕިޓްސްބަރގުގެ ޔޫޕީއެމްސީގައި އިބްރަހިމޮވިޗް ރިހެލިބިޓޭޝަން ޕްރޮގްރާމް ފަށާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ޔުރޮޕަރ ލީގުގެ ކުއާޓަރ ފައިނަލްގައި ލެސްޓެއިންއާ ދެކޮޅަށް ކުޅުނު މެޗުގައި އިބްރަހިމޮވިޗުގެ ކަކޫ ނުއަތަށް ލެނބި، ލިގަމެންޓަށް ވަނީ ގެއްލުން ލިބިފައެވެ. އަދި މި އަނިޔާއާއި ގުޅިގެން ގިނަ ބަޔަކު ބުނަމުންގެންދިޔައީ އިބުރަހިމޮވިޗް ފުޓްބޯޅަ ކުޅުން ހުއްޓާލާނެކަމަށެވެ.

ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް ޕްރިމިއަރ ލީގުގެ ގަދަ ހަތަރަކަށް ވަނުމަށާއި ޔުރޮޕަރ ލީގު ކާމިޔާބުކުރަން އަމާޒު ހިފާފައިވާ ޔުނައިޓެޑަށް، އިބްރަހިމޮވިޗް ނެތުމަކީ ލިބޭ ބޮޑު ގެއްލުމެކެވެ. އޭނާ ވަނީ މި ސީޒަނުގައި 28 ގޯލް ޖަހައިފަ އެވެ.

އިބްރަހިމޮވިޗް ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަން ނިމުމުން ހަމަވާނެއެވެ. އެހެންވެ ބެލެވޭ ގޮތުގައި ދެން ކޮންޓްރެކްޓް އާނުކޮށް އޭނާ ގުޅޭނީ އަންނަ އަހަރު އެމެރިކާ ލީގާ އެވެ.
އެހެންނަމަވެސް ޔުނައިޓެޑުން ބުނާގޮތުގައި އިބުރަހިމޮވިޗް އެޓީމުގައި އަދި އިތުރު އެއްއަހަރު މަޑުކުރާނެއެވެ.

މިއަދު އޮންލައިން