ބާސާ މޮޅުވިއިރު، ރެއާލްވެސް ފަސޭހަކަމާއެކު މޮޅުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 51ސ
 ބާސާ މޮޅުވިއިރު، ރެއާލްވެސް ފަސޭހަކަމާއެކު މޮޅުވެއްޖެ

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުތަކުން ފަސޭހަކަމާއެކީ މޮޅުވެއްޖެއެވެ.
ބާސާ ރޭ މޮޅުވީ ވިޔަރެއާލް އާއި ބައްދަލުކޮށް 1-4 ގެ ނަތީޖާއަކުންނެވެ.

ބާސާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު މެޗުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނޭމާއެވެ. މެޗުގެ 32 ވަނަ މިނެޓްގައި، ބަކަމްބޫ ވަނީ ގޯލެއް ކާމިޔާބުކޮށް ވިޔަރެއާލްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެކުރިން، ލިއޮނަލް މެސީ ވަނީ ގޯލެއް ޖަހާ ބާސާއަށް، ދެވަނަ ފަހަރަށް ލީޑުނަގައިދިނުމެވެ. ބާސާގެ ތިންވަނަ ގޯލު، މެޗުގެ 69 ވަނަ މިނެޓްގައި ސުއަރޭޒް ކާމިޔާބުކޮށްދިންއިރު، މެޗުގެ 82 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން، ބާސާގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ މެސީއެވެ.

ރޭގެ މެޗުގައި ކާމިޔާބުކުރި ދެ ގޯލާއެކީ، މި ސީޒަނުގައި މެސީ ކާމިޔާބުކުރި، ގޯލުގެ އަދަދު މިހާރު ވަނީ 51 އަށް އަރާފައެވެ.

މުހިއްމު ގިނަކުޅުންތެރިންތަކެއް ނުލައިކުޅުނު މެޗުން ރޭ ރެއާލް މޮޅުވީ، ރަށުން ބޭރުގައި ގްރެނާޑާ އާއި ބައްދަލުކުރި މެޗުން، 0-4 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގެ ވަރަށް ކުރީކޮޅު، ހަމޭސް ރޮޑްރިގޭޒް ރެއާލްއަށް ގޯލެއް ޖަހައި ލީޑުނަގައިދިންއިރު، އެޓީމުގެ ދެވަނަ ގޯލު، މެޗުގެ 11 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް ރޮޑްރިގޭޒްއެވެ. ރެއާލްގެ އަނެއް ދެ ގޯލު، ފުރަތަމަ ހާފް ނިމުމުގެކުރިން ކާމިޔާބުކޮށްދިނީ، އެޓީމުގެ ޒުވާން ފޯވާޑް އަލްވާރޯ މޮރާޓާއެވެ.

ދެވަނަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް، މި ހާފުގައި ވެސް ގޯލްޖަހަނާ ރަނގަޅު ފުރުސަތުތަކެއް، ރެއާލްއިން ވަނީ ތަނަވަސްކޮށްފައެވެ.

ރޭގެ މެޗުތަކުން މޮޅުވުމުން، ރެއާލް އާއި ބާސާއަށް ވެސް ވަނީ، 84 ޕޮއިންޓް ލިބިފައެވެ. ނަމަވެސް ގޯލުގެ ތަފާތުން، ލީގުގެ އެއްވަނަ ލިބެނީ ބާސާއަށެވެ. ބާސާ ލީގުގެ އެއްވަނައިގައި އޮތީ، ރެއާލްއަށް ވުރެ އެއް މެޗު، އިތުރަށް ކުޅެގެންކަން ފާހަގަކޮށްލެވެއެވެ.

ލީގުގައި ބާސާއަށް ދެން ބާކީ އޮތީ ދެ މެޗު ކަމަށްވާއިރު، ރެއާލްއަށް އަދި ތިން މެޗު ބާކީ އެބައޮތެވެ. ބާސާއިން ލީގުގައި ދެން ބައްދަލުކުރާނީ ލަސް ޕަލްމާސްއާއެވެ. ރެއާލް ނިކުންނާނީ ސެވިއްޔާ އާއި ދެކޮޅަށެވެ.

މިއަދު އޮންލައިން