އެންމެ ފަހުން އާސެނަލްއިން ޔުނައިޓެޑު ބަލިކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 38ސ
އެންމެ ފަހުން އާސެނަލްއިން ޔުނައިޓެޑު ބަލިކޮށްފި
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ޔުނައިޓެޑުގެ މައްޗަށް އާސެނަލްއިން ކުރިހޯދައިފިއެވެ.

ރޭ އާސެނަލްއިން ޔުނައިޓެޑުގެ މައްޗަށް ކުރިހޯދީ 0-2 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗުން ޔުނައިޓެޑު ބަލިވި ނަމަވެސް، 65 ޕޮއިންޓާއެކީ ޔުނައިޓެޑް އަދިވެސް އޮތީ، ލީގުގެ ފަސްވަނައިގައެވެ. ރޭގެ މެޗުން މޮޅުވި އާސެނަލް އޮތީ، ޔުނައިޓެޑަށް ވުރެ އެއް މެޗު މަދުން ކުޅެ، 63 ޕޮއިންޓާއެކީ ލީގުގެ ހަވަނައިގައެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ، ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް، މި ހާފުގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް، ދެ ޓީމަށްވެސް ވަނީ ލިބިފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، މެޗުގެ 54 ވަނަ މިނެޓްގައި ގްރަނިޓް ޒާކާ ވަނީ، އާސެނަލްއަށް ލީޑު ނަގާދީފައެވެ. އަދި އޭގެ ތިން މިނެޓްފަހުން، ޔުނައިޓެޑަށް ކުރިން ކުޅުނު، ޑެނީ ވެލްބެކް ވަނީ، އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ.

ދެވަނަ ހާފްގައި ގޯލްޖަހާނެ މާގިނަ ފުރުސަތުތަކެއް، ޔުނައިޓެޑަށް ލިބިފައިނުވާއިރު، މި ހާފުގައި ރޫނީ ވަނީ، އާސެނަލްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް އެ ދެ ހަމަލާ ވެސް ދިޔައީ، ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ރޭގެ މެޗުން ބަލިވުމުން، ޔުނައިޓެޑުން ލީގުގައި ދަމަހައްޓަމުން އައި، ބަލިނުވުމުގެ ސިލްސިލާއަށް މިހާރު ވަނީ ނިމުން އައިސްފައެވެ. އެޓީމުން ވަނީ ލީގުގައި ބަލިނުވެ، ޖުމްލަ 25 މެޗު ފުރިހަމަކޮށްފައެވެ.

ލީގުގައި އާސެނަލްއަށް، ބާކީ އަދި ހަތަރު މެޗު އެބައޮތެވެ. އެ ހަތަރު މެޗުގައި އެޓީމު ބައްދަލުކުރާނީ، ސައުތްހެމްޓަން އާއި ސްޓޯކް ސިޓީ އާއި، ސަންޑަލޭންޑްގެ އިތުރުން އެވަރޓަންއާއެވެ. އަދި ޔުނައިޓެޑަށްވެސް ދެން ބާކީ 3 މެޗު އޮތްއިރު އެޓީމުން ބައްދަލުކުރަން ޖެހޭނީ ޓޮޓެންހަމްއާއި ސައުތެމްޕްޓަން އަދި ކްރިސްޓަލް ޕެލަސްއާއެވެ.
މިއަދު އޮންލައިން