އިޓާލިއަން ލީގުގައި ރޭ މިލާނާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު ބަލިކޮށް ރޯމާ ލީގުގެ ދެވަނަ މަގާމަށް ޖެހިލައިފިއެވެ.
މިލާންގެ މައްޗަށް ރޯމާއިން ކުރިހޯދީ 1-4 ގެ ނަތީޖާއިންނެވެ.
ރޭގެ މި މޮޅާއެކު ރޯމާ 78 ޕޮއިންޓާއެކު ލީގުގެ ދެވަނައަށް އެރިއިރު މިލާން މި މެޗުން ބަލިވިނަމަވެސް އެޓީމު އަދިވެސް އޮތީ 59 ޕޮއިންޓާއެކު ލީގުގެ 6 ވަނައިގައެވެ.
މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ރޯމާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު އެޓީމުން ވަނީ މެޗުގެ 8 ވަނަ މިނެޓުގައި ލަނޑުޖަހާ ލީޑުނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑިން ޒެކޯއެވެ.
އެޓީމު ދެވަނަ ލަނޑު ޖަހާ ލީޑުފުޅާކޮށްދިނީވެސް މެޗުގެ 28 ވަނަ މިނެޓުގައި އެޑިން ޒެކޯއެވެ.
ދެ ލަނޑުގެ ލީޑަކާއެކު ރޯމާއިން މެޗުގެ ފުރަތަމަ ހާފް ނިންމާލިއިރު އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި އެލްޝާރަވީ ކާމިޔާބުކޮށްދިންއިރު ހަތަރުވަނަ ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޑި ރޮޝީއެވެ.
މިލާންގެ ހަމަ އެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޕަސަލިޗް އެވެ
.
ރޭގެ މި މެޗުން މިލާން ބަލިވުމުން އެޓީމަށް ވަނީ އިތުރަށް ކުރިޔައް ދިއުމަށް ހުރަސްތަކަކާ ކުރިމަތިވެފައެވެ.
މީގެން ކޮންމެ ޓީމަކަށްވެސް ދެން ބާކީ އޮތީ ތިންމެޗެވެ. އެގޮތުން ރޯމާ ބައްދަލުކުރަން ޖެހޭނީ ތާވަލްގެ އެއްވަނާގައި އޮތް ޔުވެންޓަސް، ޖެނޯއާ، ކިއޭވޯ އާއެވެ. މިލާން ބައްދަލުކުރާނީ އެޓަލާންޓާ، ބޮލޯނާ، ކަގްލިއާރީއާއެވެ.