ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޔުވެންޓަރސްއާ ބައްދަލުކުރާނެ ޓީމަކަށް ރެއާލް..

ކިޔުމަށް ހޭދަވާނީ 1މ 48ސ
ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޔުވެންޓަރސްއާ ބައްދަލުކުރާނެ ޓީމަކަށް ރެއާލް..
ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި ރޭ ވާދަވެރި އެތްލެޓިކޯ މެޑްރިޑުގެ އަތްދަށުވި ނަމަވެސް، އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެން، ޗެމްޕިއަންސް ލީގުގެ ފައިނަލަށް، ރެއާލް މެޑްރިޑް ދަތުރުކޮށްފިއެވެ.

ރޭގެ މެޗުން ރެއާލް ބަލިވެފައިވަނީ އެތްލެޓިކޯއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

މި ދެ ޓީމު ބައްދަލުކުރި ސެމީގެ ފުރަތަމަ ލެގުގެ މެޗު، 0-3 ގެ ނަތީޖާއަކުން ރެއާލްއިން ކާމިޔާބުކުރިއިރު، އެޓީމު ފައިނަލަށް ދަތުރުކުރީ، 2-4 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ލިބިގެންނެވެ.

ރޭގެ މެޗު އެތްލެޓިކޯއިން ވަރުގަދަކޮށް ފެށިއިރު މެޗުގެ 12 ވަނަ މިނެޓްގައި ސައުލް ނިގޭޒް ވަނީ، ލަނޑެއް ޖަހާ އެތްލެޓިކޯއަށް މެޗުގެ ލީޑުނަގާދީފައެވެ. ސައުލް މި ގޯލު ކާމިޔާބުކުރީ، ރެއާލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއެއް ގޯލްގެތެރެއަށް ވައްދާލައިގެންނެވެ.

އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އެތްލެޓިކޯއަށް ލިބުނު ޕެނަލްޓީއަކުން ގްރިޒްމަން ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑުފުޅާކޮށްފައެވެ.

އެތްލެޓިކޯގެ މި ދެ ލަނޑަށް ފަހު ރެއާލްއިން ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް އެތްލެޓިކޯގެ ފަހަތަށް ބާރުބޮޑު ކުރަމުންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 42 ވަނަ މިނެޓްގައި އިސްކޯ ވަނީ ލަނޑެއް ކާމިޔާބުކޮށް ރެއާލްއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

މެޗުގެ ކުރީކޮޅު ކާމިޔާބުކުރި ދެ ގޯލަށްފަހު، ފުރަތަމަ ހާފްގައި ގޯލްޖަހާނެ އިތުރު ރަނގަޅު ފުރުސަތެއް، އެތްލެޓިކޯއަށް ތަނަވަސްކުރެވިފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފްގައި ވެސް، ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރެއާލްއިން މޮޅަށް ކުޅުނުނަމަވެސް މި ހާފްގައި އެއްވެސް ޓީމަކަށް ލަނޑުޖަހަން މާ ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވެއެވެ.

މިއީ ފާއިތުވި ހަތަރު އަހަރުތެރޭ، މި މުބާރާތުގެ ފައިނަލަށް، ރެއާލް ދަތުރުކުރި ތިންވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ރެއާލްއަކީ މި މުބާރާތުގެ، އެންމެފަހުގެ ޗެމްޕިއަނުން ވެސް މެއެވެ.

ފައިނަލްގައި ރެއާލް ބައްދަލުކުރާނީ، އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާއެވެ. ޔުވެންޓަސް ފައިނަލަށް ދަތުރުކުރީ، ފްރާންސްގެ މޮނާކޯ ބަލިކުރުމަށްފަހުއެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅެވޭނީ އަންނަ ޖޫންމަހުގެ ތިންވަނަ ދުވަހުއެވެ.
މިއަދު އޮންލައިން