ވެސްޓްބްރޮމް ބަލިކުރުމަށްފަހު، އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން، ޗެލްސީން ހޯދައިފިއެވެ.
އިނގިރޭސި ޗެމްޕިއަންކަން ޗެލްސީން ކަށަވަރުކޮށްފައިވަނީ ރޭ ކުޅުނު މެޗުން ވެސްޓްބްރޮމްގެ މައްޗަށް 0-1 ގެ ނަތީޖާއިން ކުރިހޯދައިގެންނެވެ.
ޗެލްސީން ރޭގެ މެޗު ކާމިޔާބުކޮށް ލީގު ކަށަވަރުކުރީ ލީގުގައި އަދި ބާކީ ދެމެޗު ނުކުޅެ އޮއްވައެވެ. އެއީ ވޮޓްފޯޑް އާއި ސަންޑަލޭންޑް މެޗެވެ.
ރޭގެ މޮޅާއެކީ ލީގު ޗެމްޕިއަންކަން ޗެލްސީއަށް ލިބުނުއިރު، އެޓީމަށް މިހާރު ވަނީ 87 ޕޮއިންޓް ލިބިފައެވެ. މިއީ ޗެލްސީން ޕްރިމިއަރ ލީގު ކާމިޔާބުކުރި ފަސްވަނަ ފަހަރަށްވާއިރު، އެޓީމަކީ ދެވަނައަށް އެންމެ ގިނައިން މި ލީގު ކާމިޔާބުކުރި ޓީމުކަން ފާހަގަކޮށްލެވެއެވެ.
ރޭގެ މެޗުގައި ވެސްޓްބްރޮމްގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ޗެލްސީއަށް ވަނީ މި މެޗުގައި ލަނޑުޖެހުމަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައެވެ.
ފުރަތަމަ ހާފް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރެއްގައި އޮވެ ނިމިގެންދިޔައިރު ދެވަނަ ހާފްގައި ވެސްޓްބްރޮމްއަށް ވަނީ ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އެ ދެ ފުރުސަތުގެ ބޭނުން، އެންމެ ރަނގަޅަށް އެޓީމަށް ވަނީ ހިފޭގޮތް ނުވެފައެވެ.
މި މެޗުން ޗެލްސީ މޮޅުކޮށްދިން ލަނޑު މެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި، ދެވަނަ ހާފްގައި ކުޅެން ނިކުތް އެޓީމުގެ ޒުވާން ފޯވާޑް ބަޓްޝުއާއީއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އަޒްޕެލިކުއޭޓާ ދިން ޕާހަކުންނެވެ.
ޗެލްސީން ލީގު ޗެމްޕިއަންކަން ހޯދިއިރު، އެޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވެގެން ގޮސްފައިވަނީ، ޕްރިމިއަރ ލީގުގައި ހޭދަކުރި، ފުރަތަމަ ސީޒަނުގައި ލީގު ކާމިޔާބުކުރި، ހަތަރުވަނަ ކޯޗަށެވެ. މި ޝަރަފު މީގެކުރިން ހޯދި ކޯޗުންނަކީ، ހޯޒޭ މޮރީނިއޯ އާއި ކާލޯ އެންޗެލޯޓީގެ އިތުރުން މެނުއަލް ޕެލެގްރީނީއެވެ.
ލީގު ޗެމްޕިއަންކަން ޗެލްސީން ހޯދާފައިވާއިރު، މި ސީޒަނުގެ އެފްއޭކަޕް ކާމިޔާބުކުރުމުގެ ފުރުސަތު ވެސް، އެޓީމަށް އަދި އެބައޮތެވެ. އެގޮތުން މި މަހުގެ 27 ވަނަ ދުވަހު، އެ މުބާރާތުގެ ފައިނަލްގައި، ޗެލްސީ ބައްދަލުކުރާނީ އާސެނަލްއާއެވެ.