ސަންޗޭޒް ހޯދުމުގެ މަސައްކަތް ޔުވެންޓަސްއިން ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 42ސ
ސަންޗޭޒް ހޯދުމުގެ މަސައްކަތް ޔުވެންޓަސްއިން ފަށައިފި
އާސެނަލަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް އަލެކްސިސް ސަންޗޭޒް ހޯދުމުގެ މަސައްކަތް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއިން ފަށައިފިއެވެ.

އުމުރުން 28 އަހަރުގެ ސަންޗޭޒް އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ނިޔަލަށް ހަމަވާއިރު، އެއްބަސްވުން އާ ކުރުމަށް އާސެނަލުން ކޮށްފައިވާ މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. އާސެނަލުން ވަނީ ސަންޗޭޒް ވާދަވެރި ޕްރިމިއާ ލީގުގެ ކްލަބަކަށް ނުވިއްކާނެ ކަމަށް ބުނެފަ އެވެ.

އަންނަ ސީޒަނަށް ޔުވެންޓަސް އިން ޓީމު ވަރުގަދަ ކުރަން ގެންނަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގައި ސަންޗޭޒް ހިމެނޭއިރު، ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސްއިން އޮތީ ސަންޗޭޒް ހޯދުމަށް 40 މިލިއަން ޔޫރޯ ހުށަހަޅަން ތައްޔާރަށެވެ. އެހެން ނަމަވެސް ޔުވެންޓަސް އިން ބޭނުންވަނީ ކުޅުންތެރިއަކާ އެކު ކުޑަ އަގަކަށް ސަންޗޭޒް ގެނައުމަށެވެ.

ސަންޗޭޒް 2014 ވަނަ އަހަރު ބާސެލޯނާ ދޫކޮށް 32 މިލިއަން ޕައުންޑަށް އާސެނަލަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ ލިވަޕޫލަށް ބަދަލުވާން ވާހަކަ ދައްކައިފަ އެވެ. އޭރު ވެސް ސަންޗޭޒްގެ ވިސްނުމަކީ ލަންޑަންގެ ކްލަބަކަށް ކުޅުމެވެ. އަދި އާސެން ވެންގާގެ އިރުޝާދު ދަށުން ކުޅެން ބޭނުންވާތީ އޭރު އޭނާ ސޮއިކުރީ އާސެނަލަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސަންޗޭޒް އާސެނަލް ދޫކޮށްލަން ބޭނުންވަނީ ޔޫރަޕްގައި އާސެނަލަށް ކާމިޔާބު ނުހޯދޭތީ އެވެ. އަދި މި ސީޒަނުގައި ޕްރިމިއާ ލީގުން އާސެނަލަށް ގަދަ ހަތަރަކުން ޖާގަ ގެއްލިއްޖެނަމަ އޭނާ އެ ކްލަބް ދޫކޮށްލަން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ލީގުގައި އެންމެ ފަހުން ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުގައި ސަންޗޭޒް ވަނީ އާސެނަލް މޮޅުކޮށްދިނުމަށް އެހީތެރިވެފަ އެެވެ. އަދި އާސެނަލް މި ސީޒަނުގެ އެފްއޭ ކަޕް ފައިނަލަށް ގެންގޮސްދިނުމުގައި ވެސް ސަންޗޭޒްގެ ދައުރު ބޮޑެވެ.

ޔުވެންޓަސްގެ އިތުރުން ޖަރުމަނުގެ ބަޔާން މިޔުނިކް އާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން ވެސް ދަނީ ސަންޗޭޒް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
މިއަދު އޮންލައިން