ބެންފީކާއިން ހަތަރުވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 11ސ
ބެންފީކާއިން ހަތަރުވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްފި
ޕޯޗުގީޒް ލީގު ތަށި ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ބެންފީކާއިން ހޯދައިފިއެވެ.

ބެންފީކާއަށް ޕޯޗުގީޒް ލީގު ކަށަވަރުވީ ވާދަވެރި ވިޓޯރިއާ ގޫމަރޭސް އާއި ވާދަކޮށް 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރުމުންނެވެ.

ބެންފީކާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އެޓީމުގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ދިޔައިރު، އެޓީމުގެ ފުރަތަމަ ގޯލް ޖަހާ ލީޑުނަގާފައިވަނީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ފްރާންކޯ ސޭވީ ކާމިޔާބުކުރި ގޯލުންނެވެ. އޭގެ ފަސް މިނެޓު ފަހުން ރައުލް ހިމެނޭޒް ވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ.

ބެންފީކާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު 37 ވަނަ މިނެޓުގައި ޕިޒީ ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ހަތަރުވަނަ ލަނޑު 44 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޖޮނަސް އޮލިވެއިރާއެވެ.

މި ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނު އިރު ދެވަނަ ހާފު ފެށިގެން 67 ވަނަ މިނެޓްގައި ބެންފީކާއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ އޮލިވެއިރާއެވެ.

މި މޮޅާއެކީ ބެންފީކާއަށް ލީގު ކަށަވަރުވެފައިވާއިރު އެޓީމަށް ވަނީ މިހާތަނަށް 81 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ޕޯޓޯއަށް 73 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި 68 ޕޮއިންޓާއެކީ އޮތީ ސްޕޯޓިން ލިސްބަންއެވެ.

ލީގުގައި ބާކީ އަދި އެއް މެޗު ބެންފީކާއަށް އޮތްއިރު، ލީގުގައި އެޓީމު މިހާތަނަށް ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ.

ބެންފީކާއަކީ ޕޯޗުގީޒް ލީގު އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ޓީމުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
މިއަދު އޮންލައިން