ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ދެ ގޯލުން މޮޅުވެ ސްޕެނިޝް ލީގު ހޯދުމާއި ގާތަށް ރެއާލް މެޑްރިޑުން ޖެހިލައިފިއެވެ.
ރޭ ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑު މޮޅުވީ 1-4 ގެ ނަތީޖާއިންނެވެ.
ރޭގެ މެޗުން ސެވިއްޔާގެ މައްޗަށް ކުރިހޯދާ ލީގު ހޯދުމާއި ގާތަށް ރެއާލްއިން ޖެހިލިއިރު އެޓީމަށް ލީގު ކަށަވަރުކުރުމަށް ދެން ބޭނުން ވަނީ އެންމެ 4 ޕޮއިންޓެވެ. ރެއާލްއަށް ލީގުގައި ބާކީ ދެމެޗު އޮތްއިރު އެދެމެޗުން 4 ޕޮއިންޓް ހޯދައިފިނަމަ އެޓީމަށް ސްޕެނިޝް ލީގު ޔަގީންވެގެންދާނެއެވެ.
ރޭގެ މޮޅާއެކު ރެއާލްއަށް 87 ޕޮއިންޓް ލިބިފައިވާއިރު ރެއާލްގެ އިތުރުން ރޭ ކުޅުނު މެޗުން ބާސެލޯނާ ވެސް މޮޅުވިއިރު، ރެއާލް އާއި ބާސާއަށް ވެސް މިހާރު ވަނީ 87 ޕޮއިންޓް ލިބިފައެވެ. ނަމަވެސް ގޯލުގެ ތަފާތުން، ލީގުގެ އެއްވަނަ ލިބެނީ ބާސާއަށެވެ. ބާސާ ލީގުގެ އެއްވަނައިގައި އޮތީ، ރެއާލްއަށް ވުރެ އެއް މެޗު، އިތުރަށް ކުޅެގެންކަން ފާހަގަކޮށްލެވެއެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 10 ވަނަ މިނެޓްގައި، ރެއާލްއަށް ލީޑުނަގައިދިނީ އެޓީމުގެ ޑިފެންޑަރު ނާޗޯއެވެ. އަދި މެޗުގެ 23 ވަނަ މިނެޓްގައި، ރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ، ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ރޮނާލްޑޯ ރެއާލްއަށް ކާމިޔާބުކޮށްދިން، 400 ވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ.
ދެ ގޯލުގެ ލީޑަކާއެކީ، ފުރަތަމަ ހާފް ރެއާލްއިން ނިންމާލިއިރު، ދެވަނަ ހާފްގެ ކުރީކޮޅު ޔޮވެޓިޗް ވަނީ، ސެވިއްޔާއަށް ގޯލެއް ކާމިޔާބުކޮށްދީ، ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް މެޗުގެ 78 ވަނަ މިނެޓްގައި، ރޮނާލްޑޯ ވަނީ ރެއާލްގެ ލީޑު އަނެއްކާވެސް ފުޅާކޮށްދީފައެވެ. އަދި ރެއާލްގެ ފަހު ގޯލު، މެޗުގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ޓޯނީ ކްރޫސްއެވެ.
ރޭގެ މެޗުގައި ކާމިޔާބުކުރި ދެ ގޯލާއެކީ، މި ސީޒަނުގެ ސްޕެނިޝް ލީގުގައި ރޮނާލްޑޯ ކާމިޔާބުކުރި، ގޯލުގެ އަދަދު މިހާރު ވަނީ 22 އަށް އަރާފައެވެ. 35 ގޯލާއެކީ ލަނޑު ލިސްޓުގެ ކުރީގައި އޮތީ، ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީއެވެ.
ލީގުގެ ފަހު ދެ މެޗުގައި ރެއާލް ބައްދަލުކުރާނީ ސެލްޓަ ވީގޯ އާއި މަލާގާއާއެވެ.